
ފަލަސްޠީނު މައްސަލާގައި އޯއައިސީއިން ބާއްވާ ޚާއްސަ ބައްދަލުވުމަށް ޑރ. ޝަހީމް ސަޢުދީއަށް!
# އިސްލާމިކް މިނިސްޓްރީ# ޑރ ޝަހީމްއިސްލާމިކް މިނިސްޓަރ ޝަހީމް ސައުދީއަށް ފުރާވަޑައިގަތުން
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދިއަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ ވަޒީރު ސައުދީއަށް ވަޑައިގެންނެވީ އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްޠީނަށް ދެމުންދާ ހަމަލާތަކާއި ގުޅޭ ގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ޚާއްސަ ބައްދަލުވުމުގައި ބައިވެރިވެރިވަޑައިގެންނެވުމަށް ކަމަށެވެ.
އެގޮތުން މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި އެވުޒާރާގެ ޑެޕިއުޓީ ވަޒީރު އަލީ އަހްސަން ވެސް ބައިވެރިވެރިވަޑައިގަންނަވައެވެ.
މި ބައްދަލުވުން ކުރިއަށްދާނީ މިމަހު 4-5 އަށް ސައޫދީ އަރަބިއްޔާގެ ޖިއްދާގައެވެ. އޯއައިސީގެ މި ބައްދަލުވުމަކީ ސަޢޫދީ ޢަރަބިއްޔާގެ ދަޢުވަތަކަށް ބާއްވާ ބައްދަލުވުމެކެވެ.
މި ބައްލުވުމުގެ މަޤްސަދަކީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޣައްޒާއާއި ރަފަޙުގައި އިސްރާއިލުން ކުރިއަށްގެންދާ އަސްކަރީ އަނިޔާވެރި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސަޢުދީ އަރަބިއްޔާގައި ބޭއްވުނު ޖޮއިންޓް އެރެބް އިސްލާމިކް ސަމިޓުގައި ފާސްކުރެވުނު ޤަރާރުތަކާއި ނިންމުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.
ފަލަޞްޠީނުގެ މައްސަލައިގައި ރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ގިނަ މަސައްކަތްކުރަން ފަށާފައެވެ. ފަލަސްޠީނުގެ މައްސަލައަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ މައްސަލައެކެވެ.