ޕެނަލްޓީގައި ކުޑަހުވަދޫ ބަލިކުރުމަށްފަހު ގާފަރުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި
ހަސަން ޝަމްއޫން
3/1/2024, 7:20:54 PM
ޕެނަލްޓީގައި ކުޑަހުވަދޫ ބަލިކުރުމަށްފަހު ގާފަރުގެ ކުޅުންތެރިން އުފާފާޅުކުރަނީ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ކ. ގާފަރު އަދި ދ. ކުޑަހުވަދޫ ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން މޮޅުވެ، ގާފަރުން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ގާފަރުން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ރައުންޑް އޮފް 16 ގައި ދަނޑިމަގާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން އެޓީމު ބަލިކުރުމަށްފަހު އެވެ. އަދި ކުޑަހުވަދޫ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި ރައުންޑް އޮފް 16 ގައި ފަސޭހަކަމާއި އެކު 4-0 ގެ ނަތީޖާއަކުން ނ. ކެނދިކުޅުދޫ ބަލިކުރުމަށްފަހު އެވެ.
ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ގާފަރުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް ރިމާހް އެވެ.
ކުޑަހުވަދޫ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އަރީޝް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ކުޑަހުވަދޫ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޖުމައިލް ޖަމީލް އެވެ. އަދި މިލަނޑާއެކު 2-1 ގެ ނަތީޖާއަކުން ކުޑަހުވަދޫ ކުރީގައި އޮވެގެން މެޗު ނިމެން ދަނިކޮށް ގާފަރުން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ 38 ވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ މާއިސް އެވެ. މިއީ ކުޑަހުވަދޫގެ ޕެނަލްޓީ އޭރިއާ ބޭރުން ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ކުޑަހުވަދޫގެ ހަތަރު ޕެނަލްޓީ ވެސް ނާކާމިޔާބުވި އިރު، ގާފަރުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިިން އެޓީމުން ވަނީ ދެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އަދި މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ގާފަރު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގާފަރު ޓީމުގެ އިބްރާހިމް ރިމާހް އެވެ.