ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި
އަހުމަދު ޝުރާއު
3/1/2024, 11:24:24 AM
ރާއްޖޭގެ އެއާ އެމްބިއުލާންސް ހިދުމަތްދޭ މަތިންދާބޯޓު
ޞިއްޙީ އިމަޖެންސީ ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށްޓަކައި އެކަމަށް ހާއްސަ ކުރެވިފައިވާ މަތިންދާ ބޯޓާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ އެމްބިއުލާންސްގެ ހިދުމަތް މިއަދު ފަށައިފިއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ދޭން ދެ ބޯޓުގައި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީ ޓާޝަރީ ހޮސްޕިޓަލުތަކަށް ބަލި މީހުން އުފުލާނެ ކަމަށެވެ. އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭ ގޮތަށް ވަސީލަތްތަކާއެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރި އަކު ވެސް އުޅޭނެ ކަމަށް ބުންޏެވެ. އެއީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހުންގެ އިތުރުން އެމެޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް 8-200 މަރުކާގެ ބޯޓުގައި ފަށާ އެ ހިދުމަތާ އެކު ރާއްޖޭގެ ހުރިހާ ހިސާބަކަށް 24 ގަޑިއިރު އެ ހިދުމަތް ލިބޭނެ ކަމަށެވެ.މި ހިދުމަތް ދެނީ މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.
މިނިސްޓްރީން ބުނީ މިހާރު މާލޭ ސަރަހައްދުގައި ގާއިމުކުރެވިފައިވާ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ނިޒާމުގެ ތެރެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ހިމެނި، ޕްރީ ހޮސްޕިޓަލް ކެއާ ކޯޑިނޭޓްކުރުމުގެ އިންތިޒާމު ރާވާ، ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ފުރިހަމަ ނިޒާމެއްގެ ގޮތުގައި ގާއިމުކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އޭގެ ތެރޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ވެސް ހިމެނޭއިރު އެ މަސައްކަތުގެ އަމާޒަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުން ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މި ހިދުމަތުގައި ބޭނުންކުރާ މަތިންދާބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެކަންވެސް މިނިސްޓްރީއިން ހާމަކުރެއެވެ. އަދި މި ހިދުމަތުގައި ސީޕްލޭނެއްވެސް ބޭނުންކުރާނެކަން ރައީސް ހާމަކުރެއްވި އިރު އޮޕަރޭޝަނަށް މިކަމަށް ޚާއްސަ ސީޕްލޭން ނެރޭނެ ތާރީހެއް ހާމަކޮށްފައެއް އަދި ނުވެއެވެ..