ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފުވައްމުލައް ސިޓީގައި ފަށައިފި
އަހުމަދު ޝުރާއު
2/28/2024, 12:50:39 PM
ފުވައްމުލަކުގައި ފުލުހުން ކުރިޔަށް ގެންދާ ޕްރޮގްރާމް
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މެރިން ޕޮލިހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.
މި ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގައި ފުރަތަމަ މައުލޫމާތު ދީފައިވަނީ ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުންނަށާއި ރަށު ކައުންސިލުގެ މުވައްޒަފުންގެ އިތުރުން ރަށުގެ ކަމުވޮށިގެންވާ ފަރާތްތަކަށެވެ.
އެގޮތުން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އަދި އެ ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރާނެ ގޮތް، ކަނޑުމަތީގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތައް، ކަނޑު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި އެ ގަވާއިދުތަކަށް އަމަލުކުރުމުގައި ހާއްސަ ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން ސަމާލުކަންދޭންޖެހޭ ކަންކަމާއި ކަނޑު އުޅަނދަކުން ދަތުރުކުރާއިރު އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ފުވައްމުލައް ސިޓީގައި ފެބުރުވަރީ 26 އިން 29 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، ކަނޑު އުޅަނދުފަހަރު ދުއްވާ މީހުންނާއި އުޅަނދުފަހަރުގެ ވެރިންނާއި، ސްކޫލުތަކުގެ މުދައްރިސުންނާއި ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ދިވެހި ރާއްޖޭގެ ކަނޑުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމާއި ކަނޑުމަތީގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގައި މީހުންނާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ރައްޔިތުންނަކީ ކަނޑު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ތަބާވާ އަދި ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގައި މެރިން ޕޮލިހާއެކު، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އަދި އެލައިޑް އިންޝުއަރެންސް ކުންފުނީގެ ބޭފުޅުން ވެސް މައުލޫމާތު ދެއްވާނެއެވެ.