ސައިބަރ ކްރައިމްގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުން މުހިންމު - ސީޕީ
އަހުމަދު ޝުރާއު
12/12/2024, 12:56:38 PM
--
ސައިބަރ ކްރައިމްގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ވިދާޅުވެއްޖެއެވެ.
ސައިބަރ އެކްސްޕޯ 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ސައިބަރ ސެކިއުރިޓީ އާއި ސައިބަރ ކްރައިމްގެ އެންމެހާ ކުށުގެ ބާވަތްތަކުން ރައްކާތެރިވާނެ ގޮތް ރައްޔިތުނަށް އަންގައިދީ އެކަމަށް ރައްޔިތުން އަހުލުވެރިކުރުވުމާއި ތުއްތު ޅަދަރިންނާއި އިސްރަށްވެހިން ސައިބަރ ކްރައިމްތަކުން ސަލާމަތްކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އަދި ސައިބަރ ކްރައިމްގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަކީވެސް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ފާހަގަކުރައްވައި، ސީޕީ ވަނީ އެކަމުގެ ސަބަބުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާއި ގާނޫނުތަކަށް ލޯހުޅުވި ރާއްޖޭގެ އެކަށޭނެ ބަދަލުތައް ގެނައުމަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން މި އެކްސްޕޯގެ ތެރެއިން މިދާއިރާތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިވުމުގެ ނަތީޖާއަކަށް ވެގެންދާނީ ކުދި ވިޔަފާރިތަކުގެ ޑިޖިޓަލް ސެކިއުރިޓީ ވަރުގަދަކުރުމަށް އައު ދޮރުތަކެއް ހުޅިވިގެން ދިއުންކަމަށާއި މި އެކްސްޕޯ ބޭއްވުމުގެ އެންމެ މުހިންމު އެއް އަމާޒަކީ އެއީ ކަމަށްވެސް ސީޕީގެ ވާހަކައިގައި ވިދާޅުވިއެވެ.
ސީޕީ ވަނީ ސައިބަރ ކްރައިމްގެ ޝިކާރައަކަށްވެ، އަގުބޮޑެތި ގެއްލުންތަކެއްވެ، ޑޭޓާތައް ގެއްލި ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައްވެ، އެކަމުގެ ސަބަބުން ދިރިއުޅުމުގައި ގިނަ ތަކުލީފުތަކެއް އުފުލަންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.
މިކަން ހުއްޓުވުމަށްޓަކައި އެންމެ ގުޅިގެން އެކުގައި މަސައްކަތްކުރުމަށް އިހަށްވުރެ ބޮޑަށް މިއަދު މަސައްކަތްކުރަން ޖެހިފައިވާ ކަމަށާއި އެހެންކަމުން ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ކުންފުނިތަކާއި އެކި ޖަމްޢިއްޔާތަކާއި ތައުލީމާއި ތަރުބިއްޔަތު ދޭ މުއްސަސާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރަން ޖެހޭ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މިއަދު ދިވެހި ރައްޔިތުންގެ އަމާޒަކަށް ވާންވީސައިބަރ ސެކިއުރިޓީގެ ދާއިރާއިން އައު ފަންނުވެރިން ތައާރަފްކޮށް، މިދާއިރާއަށް ލޯބިޖެއްސުން ކަމަށް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ ސައިބަރ އެކްސްޕޯ ބޭއްވުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެލެއްވި އެންމެހާ ފަރާތްތަކަށާއި އެކްސްޕޯ ސްޕޮންސަރ ކޮށްދެއްވި ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ.