އިންތިޚާބު ފަސްކުރުމާ ބެހޭ ބިލާމެދު ގޮތެއް ނިންމުން މިއަދުގެ ޖަލްސާގައި
އައިޝަތު އިފާޝާ
2/28/2024, 5:30:59 AM
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކަނޑައަަޅާފައިވާ ތާރީޚް ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިޚާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވި މައްސަލައާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މަޖިލިސް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. މަޖިލިސް އިންތިހާބު ބާއްވާ ތާރީހު ދިމާވަނީ ކުރިއަށް އަޮތް ރޯދަމަހާ ކަމަށް ވާތީ، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ބޭނުންވަނީ އިންތިހާބު ފަސްކުރާށެވެ. ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ، އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގައި ބުނާ ގޮތުން އިންތިހާބު ރޯދަމަހާ ދިމާވާ ނަމަ ބާއްވަން ޖެހެނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުންނެވެ.
ނަމަވެސް އިންތިހާބު ފަސްކުރަން ބޭނުންފުޅު ނުވާތީ ރައީސް ޑރ. މުއިއްޒު ވަނީ އެ އިސްލާހުތައް ތަސްދީގު ނުކުރަން ނިންމަވައި ބިލް އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ.
މި ހަފުތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނުބާއްވައި އޮތުމަށް ފަހު، މިއަދު 13:00 އަށް ތާވަލްކުރި ޖަލްސާގެ އެޖެންޑާގައި މަޖިލިސް ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެ މައްސަލަ އޮތީ ހިމަނައިފަ އެވެ. މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމާފައި ވަނީ އެ މައްސަލަ ރައީސް އަނބުރާ ފޮނުވާލެއްވިޔަސް އަލުން އޮތް ގޮތަށް ފާސްކުރުމަށެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސް ތަސްދީގު ނުކުރަން ނިންމަވާ ބިލެއް އެއްވެސް ބަދަލެއް ނެތި މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކޮށްފި ނަމަ 15 ދުވަސް ތެރޭގައި އެ ބިލެއް ތަސްދީގު ކުރަން ރައީސަށް ލާޒިމް ވާނެ އެވެ.