ހޮއިލަންޑަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަންޖެހިއްޖެ
ހަސަން ޝަމްއޫން
2/23/2024, 7:21:40 PM
ހޮއިލަންޑް ލޫޓަން ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ޕްރެމިއާ ލީގުގައި މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ކުޅުންތެރިއާ، މެންޗެސްޓާ ޔުނައިޓެޑްގެ ޑެންމާކް ފޯވަޑް ރަމްސުސް ހޮއިލަންޑަށް އަނިޔާވެ، ތިން ހަފުތާގެ މުއްދަތަށް ކުޅުމާއި ދުރަށް ދާންޖެހިއްޖެ އެވެ.
އިިޓަލީގެ އެޓްލާންޓާ އިން 72 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި މިސީޒަނުގައި ޔުނައިޓެޑާއި ގުޅުނު އުމުރުން 21 އަހަރުގެ ފޯވާޑް ވަނީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަ މެޗުގައި އެޓީމަށް 7 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިދިޔަ ހަފްތާގެ އާދީއްތަދުވަހު ލޫޓަން އާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ޕްރެމިއާ ލީގުގައި ޖެހިޖެހިގެން ހަ މެޗުގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިއާއަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހޮއިލަންޑްގެ ފަލަމަސްގަނޑަށް އަނިޔާވެފަވާއިރު، ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗާއި އެފްއޭކަޕުގައި މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް މާޗު މަހުގެ ތިންވަނަ ދުވަހު ސިޓީ ދަނޑުގައި ކުޅޭ މެޗުގައި ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ.
ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު 25 މެޗުން ލިބުނު 44 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައެވެ. އަދި މިއީ އެއްވަނައިގައި އޮތް ލިވަޕޫލަށްވުރެ 16 ޕޮއިންޓް މަދު އަދަދެކެވެ.