logoEN
cocacola
ގެމަނަފުށީގެ ބިން ހިއްކައިދީ ބަނދަރު ބޮޑުކޮށްދޭނަން - ރައީސް

ގެމަނަފުށީގެ ބިން ހިއްކައިދީ ބަނދަރު ބޮޑުކޮށްދޭނަން - ރައީސް

އައިޝަތު އިފާޝާ

logo

2/21/2024, 11:59:58 AM

# ރައީސުލްޖުމްހޫރިއްޔާ# ގެމަނަފުށި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

ގއ. ގެމަނަފުށީގެ ބިން ހިއްކައިދީ ރަށުގެ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގއ.ގެމަނަފުއްޓަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ގެމަނަފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އައު ސަރުކާރުން ބޭނުންވާގޮތަށް ބަޖެޓު އެކުލަވާލުމަށް ލިބުނީ ވަރަށް ހަނި ފުރުޞަތެއްކަމަށެވެ.

ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ބަޖެޓުގެ މަސައްކަތަށް ލިބުނު 10 ދުވަހުގެ ފުރުޞަތުގައި އައު ސަރުކާރުން ހިމެނި ބައެއް މުހިންމު މަޝްރޫޢުތައްވެސް، މަޖިލީހުން ބަޖެޓު ފާސްކުރިއިރު އުނިކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެެވެ.

ގެމަނަފުށީގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހަނި ފުރުޞަތާއެކުވެސް ރަށްތަކަށް ބޭނުންވާ މުހިންމު މަސައްކަތްތައް، އިސްކަންދޭ ތަރުތީބުން ފުއްދަވައިދެއްވުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

ރައީސް ވިދާޅުވީ ގެމަނަފުށީގެ ބިން ހިއްކުމަށް މިއަހަރަށް ބަޖެޓުގައި ކުޑަ ފައިސާކޮޅެއް ހިމަނާފައި އޮތްކަމަށެވެ. މަސައްކަތް މުޅިން ނިންމުމަށް މިއަހަރުގެ ބަޖެޓުގައި ފުރުޞަތު ހަނިވިނަމަވެސް، އެކަމަކީ ރަށުގެ ރައްޔިތުންނަށް މުހިންމު މަސައްކަތަކަށްވާތީ ރަށަށް އިސްކަންދޭ މަޝްރޫޢުގެ ތެރޭގައި އެ މަސައްކަތް ހިމަނުއްވާ ކުރިއަށް ގެންގޮސްދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ ބިން ބޮޑުކުރުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުވުމުގެ އިތުރުން ރަށުގައި އިޤްތިޞާދީ އައު ފުރުޞަތުތައްވެސް ފަހިވެގެންދާނެކަމަށެވެ.

ގެމަނަފުއްޓަކީ މަސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ނިސްބަތުން އެންމެ ގިނަބަޔަކު މަސައްކަތް ކުރާ ރަށްވެސްމެއެވެ. ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ދަތިކަން ޙައްލުކުރުމަށް ބަނދަރު އިތުރަށް ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ މައި އިދާރާތައް ހުރި މަގުތަކާއި، އަދި ރަށުގެ ސިނާޢީ ސަރަޙައްދުތަކަށް ބޭނުންކުރާ މައި މަގުތައް ތާރުއަޅާ ތަރައްޤީކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރަށުގެ މަގުތަކުގެ މަސައްކަތް އޮތީ އާރްޑީސީއާއި ހަވާލުކޮށްފައި. އެކަންވެސް ހަލުވި ކުރުމަށް މަސައްކަތް ކުރާނަން. މިރަށުގައި ހަދާނީ 5 މަގެއް ނޫން. މުހިންމު ހުރިހާ ޚިދުމަތްތައްދޭ އިދާރާތައް ހުރި މަގުތައް ހަދާނަން. އަދި މަސްވެރިކަމުގެ ސިނާޢަތަށް ރަށުގައި ބޭނުންކުރާ ސަރަޙައްދުތައްވެސް ތާރު މަގުތަކުން ގުޅާލާނަން." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ ރައްޔިތުން ހުށައެޅިގޮތަށް ރަށުގައި ބޮޑެތި އިވެންޓްތަކާއި ހަރަކާތްތައް ހިންގޭ ފެންވަރަށް ރަށު ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހެލްތު ސެންޓަރަށް އަންހެނުންގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރަށަކީ އާބާދީ އިތުރުވަމުން އަންނަ ރަށަކަށްވާތީ އޭޓީއެމްގެ މުހިންމުކަން ފާހަގަކުރައްވާ ރައީސްވަނީ ގެމަނަފުށީގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ