ވިލާތުގެ ބޭސްތައް ގެނައުމަށް ޔޫއެންޑީޕީއާކު މަސައްކަތް ފަށައިފިން - ހަލީލް
އަހުމަދު ޝުރާއު
2/20/2024, 2:32:33 PM
ހެލްތު މިނިސްޓަރ ހަލީލް
ރާއްޖޭއަށް ޔޫރަޕުން ބޭސް ގެނައުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމެންޓް ޕްރޮގްރާމާއި އެކު މިހާރު މަސައްކަތް ފަށާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ މިއަދު ރައީސް ގދ މަޑަވެއްޔަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށު ރައްޔިތުންނާއި ބައްދަަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ހެލްތު މިނިސްޓަރ އަބްދުالله ހަލީލް އެވެ.
އެގޮތުން ހަލީލްގެ ވާހަކަފުޅުގައި ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދުފުޅަކީ ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަމުގެ ވާހަކަ ކަމަށާއި އެންމެ އާދައިގެ ކޮށް ކިޔަންޔާ ވިލާތު ބޭސް ނުވަތަ ޔޫރަޕިއަން ސްޓޭންޑާޑް ހުރި ބޭސްތައް ރާއްޖެއަށް ގެނައުމުގެ ވާހަކަ ކަމަށެވެ. އެގޮތުން މި ވުައުދުފުޅާއި އެއްގޮތަށް ރައީސް މިހާރު ވަނީ ރައީސްގެ ކެބިނެޓަށް ހުށަހަޅުއްވައިގެން އެކަން ކުރެވޭނެ މަގު ތަނަވަސްކޮށްދެއްވާފައި ކަމަށެވެ.
އެގޮތުން ދުނިޔޭގެ ބޮޑެތި ޖަމިއްުޔާތަކާއި ހާއްސަކޮށް ޔޫއެންޑީޕީއާއި އެކު މިހާރު މަޝަވްރާތައް ފެށިފައިވާކަން ހަލީލް ފާހަގަކުރެެއްވި އެވެ. މި މަސައްކަތުގެ ތެރެއިން ޔޫރަޕު ސްޓޭންޑާޑުގެ ބޭސްތައް ބަލްކް ރިކުއާމެންޓްގެ އުސޫލުން ރާއްޖެއަށް ގެނައުމުގެ މަގު ފަހިވެ ދާދި އަވަހަށް އެކަން ވެގެންދާނެ ކަން ހަލީލް ފާހަގަކުރެއްވި އެވެ. މިހާރު ރާއްޖެއަށް ކޮލެޓީ ބޭސް ގެނެވެނީ އަގުބޮޑުކޮށް ކަމަށާއި ނަމަވެސް ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ގުޅިގެން ގަޑުކޮށް ބޭސް ގެންނަނަމަ، އަގުހެޔޮކޮށް ކޮލެޓީ ބޭސް ގެނެވޭނެ ކަމުގެ ޔަގީންކަން މިހާރު ސަރުކާރުން ހޯއްދަވާފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ޔޫރަޕު ސްޓޭންޑާޑުގެ ބޭސްތަކަކީ ދުނިޔެ ގަބޫލު ކުރާ އެންމެ ކޮލެޓީ ބޭސް ކަމަށާއި އާއްމު ގޮތެއްގައި ލިބޭ ބޭސްތަކާއި، ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ބޭސް ބޭނުން ކުރުމުން ތަފާތު ހުންނަ ކަމަށެވެ.
ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަސައްވުރެކެވެ. އެގޮތުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތައް ދުނިޔޭގެ އެންމެ ކޮލެޓީ ހޮސްޕިޓަލްތަކަށް ފޮނުވުމަށް އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.