logoEN
cocacola

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން އުފާފާޅުކުރަނީ

އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން ބަލިވެ، ފުރަތަަމަ ޑިވިޝަނުން ޖާގަ ހޯދުމަށް ނިއުރޭޑިއަންޓުން ކުރަމުން އައި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.

ގޮސިޔާ

މިއީ، ވިކްޓަރީގޭ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން، ދެ ވަނަ ޑިވިޝަނުން ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2016 ވަަނަ އަހަރު ކްލަބް ގްރީން ސްޓްރީޓްސް އިން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވިއިރު، ކޯޗަކަށް ހުރީ ވެސް ސޮބާ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ނިއުރޭޑިއަންޓުން މެޗު ޑޮމިނޭޓުކުރި ނަމަވެސް މެޗުގެ ފުރަތަަމަ ހަމަލާ ފެނިގެންދިޔައީ ވިކްޓަރީގެ ފަރާތުން ނެވެ. އެގޮތުން ފުރަތަމަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި ނިއުގެ ޕެނަލްޓީ އޭރިއާ ބޭރުން ވިކްޓަރީ އަށް ލިބުނު ހިލޭޖެހުމެއްގައި އެޓީމުގެ ފާރޫކް ޚައިދަރޯވް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ފުރްކަޓްޖޯން ހަސަންބޮއެވް ފޮނުވާލުމުން ނިއުގެ ކީޕަރު، މުހައްމަދު ޖަޒްލާން (ބަބޭ) ވަނީ ހުޝިޔާރުކަމާއެކު އެބޯޅަ ދިފާއުކޮށްފައެވެ.

މިހާފުގައި ނިއު ރޭޑިއަންޓުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ކެޕްޓަން މިދުހަތު ފަހުމީ (ބިޗަޑް) އަށެވެ. ފުރަތަަމަ ހާފުގެ 20 ވަނަ މިނެޓުގައި އެޓީމުގެ ގާނާ ފޯވާޑް، ކޯފީ އޮވޫސޫ މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ވިކްޓަރީގޭ ޕެނަލްޓީ އޭރިއާ ތެެރެއިން ކޮންޓްރޯލް ކުރުމަށް ފަހު މިދުހަތު ކުރިއަށް ފޮނުވާލުމުން ވިކްޓަރީގެ ޕާކިސްތާން ކީޕަރު، ހަނީފް ސާގިބް ހުޝިޔާރުކަމާއެކު އެބޯޅަ ދިފާއުކޮށްފައެވެ.

ވިކްޓަރީން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ފައިސަލް އެވެ. މިއީ އެޓީމުގެ މޫސާ ޔާމިން (ޔާމްބެ) މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ހިފައިގެން ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ވިކްޓަރީގެ ލަނޑަށްފަހު ނިއު ރޭޑިއަންޓުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމުގެ އިސްމާއިލް ވިފާގު އާއި މިދުހަތު ފަހުމީ އަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. އަދި މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ދެޓީމުން ވެސް ފެށީ ބަދަލުތަކަކާއި އެކުގައެވެ. އަދި މިހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ވިކްޓަރީން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އިބްރާހިމް ރިޒްހާން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ވިކްޓަރީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު ވިކްޓަރީ ސްޕޯޓްސް ކުލަބުން ނުކުންނާނީ މަސްއޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ