ޓެންޓު ބަލިކޮށް ފައިނަލްގެ ފުރަތަަމަ ޖާގަ މަސްއޮޑިން ހޯދައިފި
ހަސަން ޝަމްއޫން
2/11/2024, 1:23:41 PM
މަސްއޮޑި ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން
އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި މަސްއޮޑި ސްޕޯޓްސް ކުލަބާއި ޓެންޓް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މަސްއޮޑި މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ. އަދި މި ނަތީޖާއާއެކު މަސްއޮޑި ޓީމަށް ވަނީ މިއަހަރުގެ ފުރަތަަމަ ޑިވިޝަނުން ޖާގައެއް ކަށަވަރުވެފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މަސްއޮޑި ސްޕޯޓްސް ކުލަބުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހުސެއިން ޝަރީފް އެވެ. މިއީ އެޓީމުގެ ޝާމިސް އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ޓެންޓްގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޓެންޓުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިއާ ޗަލަނަ ޗަމީރާ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި މަސްއޮޑި ޓީމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމުގެ އަބްދުﷲ ޒިއާން ދެލަނޑު ކާމިޔާބު ކުރި އިރު އެޓީމުގެ އަބްލާތީ އެލްސައީދު އަދި އިސްލާމް ފިކްރީ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން މަސްއޮޑި ކުރީގައި އޮވެގެންނެވެ.
މާދަމާ ހަވީރު ކުދެވޭ ދެވަނަ ޑިވިޝަން ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ދިވެހި ފުޓްބޯޅައިގެ ތާރީޙްގައި އެންމެ ކާމިޔާބު ދެ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. އަދި އެމެޗުން މޮޅުވާ ޓީމަކަށް މިއަހަރުގެ ފުރަތަަމަ ޑިވިޝަނުން ޖާގައެއް ކަށަވަރުވެގެން ދާނެއެވެ.