
ޖޯޑަން ބަލިކޮށް ގަތަރުން ތަށި ދިފާއުކޮށްފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ގަތަރު# އޭއެފްސީ އޭޝިއަން ކަޕް 2024# ޖޯޑަންގަތަރުގެ ކުޅުންތެރިން މުބާރަތިގެ ޓްރޮފީ އާއެކު އުފާފާޅުކުރަނީ
އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ހޮނިހިރު ދުވަހުގެ ރޭ ޖޯޑަން އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ގަތަރުން ކާމިޔާބުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ގަތަރުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 22 މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އަކްރަމް އަފީފް އެވެ.
މީގެއިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ގަތަރު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ޖޯޑަން އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަޒާން އަލް ނައިމަތު އެވެ.
ނަމަވެސް އޭގެ ހަ މިނެޓް ފަހުން ގަތަރުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މި ލަނޑު ވެސް އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ އަކްރަމް އަފީފް އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަކްރަމް އަފީފް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރީ ވެސް އެޓީމަށް ލިބުނު ޕެނަލްޓީއެއް ގައެވެ. އަދި މިއީ މިމުބާރާތުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ލަނޑެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ގަތަރު ކުރީގައި އޮވެގެންނެވެ. އަދި ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގަތަރު ޓީމުގެ ތިން ލަނޑު ވެސް ކާމިޔާބުކޮށްދިން އެޓީމުގެ ފޯވާޑް އަކްރަމް އަފީފް އެވެ.
މުބާރާތުގެ ޓޮޕް ސްކޯރާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ފައިނަލް މެޗުގައި ހެޓްރިކް ހެދި އަކްރަމް އަފީފް އެވެ. އަދި މުބާރާތްގެ އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމު ލިބުނީ ގަތަރުގެ ކީޕަރު މެޝާލް ބަރްޝަމް އެވެ.
ގުޅުންހުރި

ކެރަމް ވޯލްޑްކަޕް: އެމެރިކާ ބަލިކޮށް ރާއްޖޭގެ އަންހެން ޓީމު ފައިނަލުން ޖާގަ ހޯދައިފި
ކެރަމް ވޯލްޑްކަޕް: ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އިންޑިއާގެ ސްރީނިވާސް އާއި އަބީޖިތްގެ ޕެއާ އިން ހޯދައިފި
ކެރަމް ވޯލްޑްކަޕް: އަންހެން ޑަބަލްސް ޗެމްޕިއަންކަން އިންޑިއާގެ ކީރުތަނާ އާއި ކާޖަލްގެ ޕެއާ އިން ހޯދައިފި
.jpg&w=3840&q=75)




