އެވަޓަން އަތުން މޮޅުވެ ސިޓީ އިން ލިވަޕޫލާއި އަރާ ހާމަކޮށްފި
ހަސަން ޝަމްއޫން
2/10/2024, 3:12:02 PM
މެންޗެސްޓާ ސިޓީ އާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިިން
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އިން އެއްވަނާގައި އޮތް ލިވަޕޫލާއި އަރާ ހާމަކޮށްފިއެވެ.
ސިޓީ އިއްތިހާދު ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓުކުރި އިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް މިހާފުގައި އެޓީމުން ފޮނުވާލި އެންމެ ހަމަލާއެއް ވެސް އެވަޓަންގެ ގޯލާއި އަމާޒުނުވެ ދިޔައިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޯވޭގެ ފޯވާޑް އެރްލިންގް ހާލަންޑް އެވެ.
މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ނެދަލޭންޑްސްގެ ޑިފެންޑަރު ނޭތަން އަކޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ސިޓީ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ވެސް ހާލަންޑް އެވެ.
މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 18 މެޗުގައި ހާލަންޑް 16 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 23 މެޗުން މެންޗެސްޓާ ސިޓީއަށް 52 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އެވަޓަން އިން ލީގުގައި ކުޅުނު 24 މެޗުން ލިބުނު 19 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 18 ވަނައިގައެވެ.