މަޖިލިސް އިންތިހާބަށް މިހާތަނަށް 3302 މީހުން ރީރަޖިސްޓަރީ ވެެއްޖެ
އަހުމަދު ޝުރާއު
2/5/2024, 5:00:48 PM
މީގެ ކުރިން ރާއްޖޭގައި ބޭއްވި އިންތިހާބެއްގެ ވޯޓު ކަރުދާސް
އަންނަ މަހު ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މިހާތަނަށް 3302 މީހުން ރީރަޖިސްޓަރީ ވެެފައިވާކަން އީސީއިން ހާމަކޮށްފި އެވެ.
އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރީރަޖިސްޓަރީ ކުރަން މިހާތަނަށް 3769 މީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެެ.
އަދި މި ފަރާތްތަކުގެ ތެރެއިން 3302 މީހުން ރީރަޖިސްޓަރީ ކޮށްދީފައިވާއިރު 467 ހުށަހެޅުމެއް ބަލައިނުގަނެވޭ ކަމަށް ހަބީބް ހާމަކުރެއްވި އެވެ.
ހަބީބް ވަނީ ރީރަޖިސްޓަރީ ކުރަައްވަން ހުށަހެޅުއްވުމުގެ ކުރިން، މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކްކޮށް ލެއްވުމަށް އެދިވަޑައިގެންފައި އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކަރުދާސް ފޯމު ބަލައިނުގަނެ، ރީރަޖިސްޓްރޭޝަން އޮންލައިންކޮށް ފުރިހަމަ ކުރާ ގޮތަށް އީސީން ވަނީ ނިންމައިފައެވެ. އެގޮތުން ކުރިން ރިޔާސީ އިންތިހާބުގައި ބޭނުންކުރި ނިޒާމުގެ އިތުރުން އީފާސް ބޭނުންކޮށްގެން ރީރެޖިސްޓާ ކުރެވޭނެ ނިޒާމު ވެސް އެ ކޮމިޝަނުން ވަނީ ހަމަޖައްސައިފައެވެ. އެއީ ފިޒިކަލްކޮށް ފޯމު ހުށަހެޅުމުން ސައްހަ ނޫން ފޯމު ހުށަހެޅުމުގެ ފުރުސަތު ބޮޑުވާނެ ކަމަށްވާތީކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށެވެ.
އީސީ އިން ވަނީ މަޖިލިސް އިންތިހާބުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަނުގެ މައުލޫމާތު މިހާރު ވަނީ އާންމުކޮށްފައެވެ. ވޯޓް ލާން ޖެހެނީ ކޮން ފޮއްޓަކަށްތޯ ޔަގީން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ހޮޓްލައިން 1414 ން އަށް ގުޅުމުންވެސް ނުވަތަ މެސެޖް ކޮށްލުމުންވެސް މައުލޫމާތު ސާފުވެގެން ދާނެ ކަމަށް އީސީ އިން ބުނެއެވެ.
މަޖިލިހުގެ އިންތިހާބުގައި 93 ދާއިރާ އަކަށް ވާދަކުރުމުގެ ފުރުސަތު ވެސް އީސީން މިހާރު ވަނީ ހުޅުވާލައިފައެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ. މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހޭނީ އިންތިހާބާ ބެހޭ މަރުކަޒު ނުވަތަ ދަރުބާރުގެ އަށެވެ.