ހިތަދޫ އިހުގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
އައިޝަތު އިފާޝާ
2/4/2024, 5:13:57 AM
ހިތަދޫ ބަނދަރަށް ބޭނުންވާ ބޮޑު ގަލުގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި - ފޮޓޯ: އެމްޓީސީސީ
ސ. ހިތަދޫ އިހުގެ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ, ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށިލުމުގެ މަޝްރޫއު (ދެވަނަ ފިޔަވަހި) ގެ ދަށުން, އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓް 2 ފެބްރުއަރީ 2024 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.
އަދި މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުގެ 55 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން، 5.88 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 419 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 728 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 5455 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ސޮކޯ އޭޕްރަނެއް ހެދުމާއި، 12 މީޓަރު ދިގު 12 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 10 މީޓަރު ދިގު 96 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢުއަކީ 130.26 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.