ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭސްއެއް ވިލިނގިލިން ފެނިއްޖެ
އައިޝަތު އިފާޝާ
2/1/2024, 8:00:45 AM
ގއ ވިލިނގިލި - ފޮޓޯ: މީސްމީޑިއާ
ހޯއްގޮވާ ކެއްސުން ނުވަތަ ޕަރޓޫސިސްއަށް އިތުރު ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭން ވިދާޅުވީ ބުދަދުވަހު ޕޮޒިޓިވްވެފައިވަނީވެސް ގއ.ވިލިނގިލީ ކުއްޖެ ކަމަށެވެ. މިއާއެކު އެރަށުން 5 ކުއްޖަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އެޗްޕީއޭން ވިދާޅުވީ ބަލީގެ އަލާމަތް ހުރި ކުދިން ޓެސްޓްކޮށް ބޭސްދީފައިވާކަމަށާއި އަދި ގއ. އަތޮޅު ހޮސްޕިޓަލުން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އަދި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ އިތުރުން، ބަލި ޖެހުނު ކުދިންނާ ގާތުގައި އުޅުނު އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް 6 މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާކަމަށެވެ.
މި ބަލީގެ ނުރައްކާ ބޮޑީ ކުޑަކުދިންނަށްކަމުން، 7 އަހަރު ނުވާ ކުދިން ބަލިން ރައްކާތެރިވުމަށް ދޭ ވެކްސިން ވީހާވެސް އަވަހަށް ފުރިހަމަކުރަން އެޗްޕީއޭން އިލްތިމާސްކުރައްވައެވެ. މިވެކްސިން ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުން ޖެހެން ހުންނާނެކަމަށްވެސް ވިދާޅުވެއެވެ.
މީގެ އިތުރުން ރޯގާޖެހި ކެއްސާ ފަރާތްތަކުގެ ތެރެއިން ކެއްސުން ދިގުލައިގެން ދާނަމަ ނުވަތަ ކެއްސުމުގެ ސަބަބުން އުނދަގޫތަކެއް ދިމާވާނަމަ ވީހާވެސް އަވަހަށް ސިއްޙީ ޚިދުމަތްތެރިންގެ އެހީހޯދުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
ހޯއްގޮވާ ކެއްސުމަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާއްމު ރޯގާތަކުގައިވެސް ފެންނަ އަލާމާތްތަކެވެ. އަދި ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ، ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެއެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ މީހަކަށް ބަލި ޖެހިއްޖެނަމަ، ބަލީގެ މާ ބޮޑެތި އަލާމާތްތައް ނުފެނިދާނެކަމަށްވެސް އެޗްޕީއޭން ވިދާޅުވެއެވެ.
ހޯއްގޮވާ ކެއްސުމުން ރައްކާތެރިކުރުމަށް ރާއްޖޭގައި އަންނަނީ ޤަވާއިދުން ވެކްސިން ދެމުންނެވެ. އަދި މިއީ ކޮންޓްރޯލްކުރެވިފައިވާ ބައްޔެއްކަމަށް ރާއްޖެއިންވަނީ ކަނޑައަޅާފައެވެ.