ބުއްފުޅިއާއި ބުއްފުޅީގެ ތުން އެމްއެފްޑީއޭގައި ރަޖިސްޓްރީ ކުރަން އަންގައިފި
އައިޝަތު އިފާޝާ
2/1/2024, 7:45:15 AM
.
ރާއްޖެ އެތެރެކުރާ ކުޑަކުދިންގެ ބުއްފުޅިއާއި ބުއްފުޅީގެ ތުން އަންނަ އޮގަސްޓް މަހުން ފެށިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި ރަޖިސްޓްރީ ކުރަން އަންގައިފިއެެވެ.
ބޭހާއި ކާތަކެތީގެ ރައްކާތެރިކަމަށް މަސައްކަތްކުރާ އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ 2015 ވަނަ އަހަރު އާއްމުކުރި، ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައި ބަޔާންކުރާ ތަކެތި ރާއްޖެ އަށް އެތެރެކުރުމަށް މިހާތަނަށް ހުއްދަ ދެމުން ދިޔައީ ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށް ފަހު ކަމަށެވެ.
ނަމަވެސް، މިހާރަކަށް އައިސް އެ ތަކެތި ރަޖިސްޓަރީ ނުކޮށް އިމްޕޯޓު ކުރަމުންގެންދާކަން ފާހަގަކުރެވިފައިވާ ކަމަށް އިއުލާނުގައި ބުންޏެވެ. އެހެންވެ، ކުޑަކުދިންނާ ގުޅޭ ތަކެތި އެތެރެކުރާއިރު އަންނަ ޖުލައި 31 ގެ ފަހުން އެމްއެފްޑީއޭގައި ރަޖިސްޓަރީ ކުރަން ވަނީ އަންގައިފަ އެވެ.
އެ ގަވައިދުގައިވާ ގޮތުން، އުމުރުން ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތަކާއި އަދި ބުއްފުޅި އާއި ބުއްފުޅީގެ ތުން ވިއްކޭނީ ރަޖިސްޓަރީ ކޮށްގެންނެވެ.
އަދި އެގަވައިދާ ހިލާފަށް ވިއްކުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.