ވީއައިއޭގައި އެއިރޯ ބްރިޖު ހަރުކުރުމުގެ މަސައްކަތް ފަށައިފި
އައިޝަތު އިފާޝާ
2/1/2024, 7:00:34 AM
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ޓާމިނަލްގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ޓާމިނަލްގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ރާއްޖޭގައި އެއިރޯ ބްރިޖެއް ގާއިމްކުރާ ފުރަތަމަ ފަހަރެވެ.
މޯލްޑިވްސް އެއަރޕޯޓްސް ލިމިޓެޑުން ބުނީ އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތް ފަށާފައި ވަނީ، އެއަރޕޯޓުގެ 6 ކޮންޓެކްޓް ގޭޓުގައި ކަމަށެވެ. މި ބްރިޖާއެކު ޓާމިނަލުން ސީދާ ބޯޓަށް އެރޭނެއެވެ. އަދި ބްރިޖުތަކުގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށުމުން ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެއެވެ.
މި މަސައްކަތް ނިންމޭނެ ތާރީޚެއް އެމްއޭސީއެލްއިން އަދި ހާމަކޮށްފައި ނުވި ނަމަވެސް އެމްއޭސީއެލްއިން ބުނީ، މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އައު ޓާމިނަލްގެ މަސައްކަތް ސަޢޫދީ އަރަބިއްޔާގެ، ސަޢުދީ ބިން ލާދިން ގްރޫޕާއި ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.
ވީއައިއޭގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓާމިނަލެކެވެ. މި ޓާމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓާމިނަލެކެވެ.
އައު ފަސިންޖަރ ޓާމިނަލް ތަރައްޤީކުރަނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އައު ޓާމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި މިޓާމިނަލްގައި އެފްއެންބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް ޤާއިމުކުރެވޭނެއެވެ.
މިމަޝްރޫޢަކީ ރައީސުލްޖުމޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއްދެއްވާ އެއް މަޝްރޫޢެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިމުމުގެ ކުރިން އައު ޓާމިނަލްގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނައުމެވެ.