ޓޮބްލެރޯން ޗޮކްލެޓެއްގެ ވަކި ބެޗްތަކެއް ރާއްޖޭގައި ނުވިއްކަން އަންގައިފި
އަހުމަދު ޝުރާއު
1/29/2024, 1:14:06 PM
ޓޮބްލެރޯން ޗޮކްލެޓު:- ރާއްޖޭގައި ވިއްކަމުން އަންނަ ވަކި ބެޗެެއްގެ ޗޮކްލެޓް ނުވިއްކުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައި.
ދިވެހިންގެ މެދުގައި މަޝްހޫރު ޗޮކްލެޓުގެ ބްރޭންޑެއް ކަމަށްވާ ޓޮބްލެރޯން ޗޮކްލެޓުގެ ވަކި ބެޗްތަކެއް ރާއްޖޭގައި ނުވިއްކަން އަންގައިފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްވިޒަލޭންޑުގެ ޓޮބްލެރޯން ބްރޭންޑުގެ މިލްކު ޗޮކްލެޓުގެ، ޕްލާސްޓިކުން ތަގައްޔަރުވެފައިވާ ބެޗެއް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އަދި ޑަބްލިޔުއެޗްއޯގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރޮޓީސް ނެޓްވޯކް މެދުވެރިކޮށް އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލަ މެދުވެރިވެފައިވަނީ ޗޮކްލެޓު އުފައްދާ މެޝިނަށް ދިމާވި މައްސަލައަކާ ހެދި ޕްލާސްޓިކުން ތަޣައްޔަރުވެފައިވާތީ ކަމަށްވެސް ބުނެފައި ވެއެވެ..
މިކަމުގެ ސަބަބުން ކަރުގައި ޕްލާސްޓިކް ކޮޅެއް ތާށިވުން ނުވަތަ ދަތަށް ގެއްލުމެއް ލިބުން ފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އޮވެދާނެ ކަމަށް އެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށްވެސް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.
މިއާއި އެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ދަށުން ހަ ލޭބަލެއްގައިވާ ޓޮބްލެރޯން މިލްކް ޗޮކްލެޓު އެތެރެނުކުރުމަށާއި ނުވިއްކަން ވަނީ އަންގައިފަ އެވެ.
މައްސަލަ ދިމާވި ޓޮބްލެރޯން މިލްކް ހަނީ އަދި އެލްމަންޑް މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 1، 2024 ގަ އެވެ. ޓޮބްލެރޯން މިލްކް ޗޮކްލެޓު އުފެއްދީ ސެޕްޓެމްބަރު 1، 2023 ގަ އެވެ.