ރަށުން ބޭރުގައި ތިންވަނަ ޑިވިޝަންގެ ނިއުޕޯޓް އަތުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
1/29/2024, 5:43:51 AM
ނިއުޕޯޓް ކޮޅަށް ލަނޑުޖެހުމަށް ފަހު ޔުނައިޓްޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ
އިގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ތިންވަނަ ޑިވިޝަންގެ ނިއުޕޯޓް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ފަސްވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފި އެވެ.
ނިއުޕޯޓްގެ ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ 13 މިނެޓު ތެރޭގައި ޔުނައިޓެޑުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗުގެ 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް އެންތަނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފިލްޑަރު ކޮބީ މައިނޫ އެވެ. މިއީ އުމުރުން 18 އަހަރުގެ މިޑްފީލްޑަރުގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ނަމަވެސް ފުރަތަަމަ ހާފު ނިމުމުގެ ކުރިން ނިއުޕޯޓުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ބްރަޔަން މޮރިސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ނިއުޕޯޓުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ވިލް އީވަންސް އެވެ.
މިލަނޑާއެކު ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި އެޓީމުގެ ބްރެޒިލް ފޯވާޑް އެންތަނީ ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މި މެޗުގައި އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި މިއީ މިސީޒަނުގައި ޔުނައިޓެޑްގެ ޖާޒީގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ޔުނައިޓެޑުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑެންމާކްގެ ފޯވާޑް ރަސްމުސް ހޮއިލަންޑް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ފަސްވަނަ ބުރުގައި ޔުނައިޓެޑުން ވާދަކުރަންޖެހެނީ ބްރިސްޓަލް ސިޓީ އާއި ނޮޓިންހަމް ފޮރެސްޓް ވާދަކުރާ ހަތަރުވަނަ ބުރުގެ ރީޕްލޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މިދެޓީމު ރޭ ބްރިސްޓަލް ސިޓީގޭ ދަނޑުގައި ކުޅެވުނު މެޗު ނިިމިފައި ވަނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.