ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާ މެދުކަނޑާލައިފި
އައިޝަތު އިފާޝާ
1/28/2024, 10:15:03 AM
ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބާއްވަން އުޅުނު ޖަލްސާގެ ތެރެއިން - ފޮޓޯ: މީސްމީޑިއާ
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމާއި ގުޅިގެން, މަޖިލިހުގެ ތަޅުމުން އެ ކަމާ މެދު ގޮތެއް ކަނޑައަޅަން މިއަދު ބާއްވަން އުޅުނު ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެގެން މެދުކަނޑާލައިފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް އެހުން ތާވަލުކޮށްފައި އޮތީ މިއަދު 1:30 އަށެވެ. ނަމަވެސް އެގަޑިއަށް ސަރުކާރުގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެ ރިޔާސަތުގެ ގޮނޑީގައި މެންބަރުން ވަނީ އިށީނދެވަޑައިގެން ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައެވެ.
އޭގެ އިތުރުން ޗެމްބަރު ތަޅުލައި މެންބަރުން ވޯޓުލާ ކާޑުކޮޅުތައް ވެސް ސަރުކާރު މެންބަރުން ވަނީ ނަގައިފަ އެވެ.
ޖަލްސާ މެދުކަނޑާލާފައިވާ ކަން މަޖިލީހުގެ އިދާރާ އިން ބުނެފައިވާއިރު، ބައެއް މެންބަރުން ވެސް ވަނީ މަޖިލިސް އިދާރާ ދޫކުރައްވައި ވަޑައިގެންފަ އެވެ.
ރުހުން ދިނުމުގެ ޖަލްސާ ހުއްޓުވާފައިވާއިރު، ސަރުކާރަށް ތާއީދު ކުރާ ސަޕޯޓަރުންނާ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ މަޖިލިސް ދޮރުމަތީގައި މުޒާހަރާ ކުރަމުންނެވެ. އެ މީހުން ގޮވާލަމުން އަންނަނީ ވަޒީރުންނަށް ރުހުން ދިނުމަށެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށް ނިންމައިފަ އެވެ. އަދި ޑިމޮކްރެޓްސް އިން ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމައިފަ އެވެ.