ވާދަވެރި ކުޅުމަކަށްފަހު ހޯނޑެެއްދޫ އަތުން ގައްދޫ ބަލިވެއްޖެ
ހަސަން ޝަމްއޫން
1/26/2024, 2:42:50 PM
ހޯނޑެެއްދޫ އާއި ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ގައްދޫ ފުޓްސަލް ޓީމު ފޮޓޯއަކަށް އެތުރިގެން
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ގދ. އަތޮޅުގެ އަތޮޅު ބުރުގެ ފުރަތަަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ގައްދޫ އަތުން މޮޅުވެ ހޯނޑެެއްދޫ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ހުޅުމާލޭ ރެހެންދި ދެ ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ހޯނޑެެއްދޫ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 36 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ސާނިއު އަބްދުލް ޣަނީ އެވެ. އަދި ޖެހިގެން އައި މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު އިއުފާފް އަބްދުﷲ އެވެ.
ގައްދޫ ޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލިމް އަބްދުލް އަޒީޒް އެވެ. މިއީ އެޓީމުގެ ކެޕްޓަން އަހުމަދު ރިފްޝާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ހޯނޑެެއްދޫ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ހޯނޑެެއްދޫ ޓީމުގެ މުހައްމަދު އިއުފާފް އަބްދުﷲ އެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ގދ. އަތޮޅުން ހަތަރު ޓީމު ބައިވެރިވެފައިވާއިރު މިއަތޮޅުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.