
މިޑުލްސްބަރާ ކޮޅަށް ލަނޑުޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ
އިގިރޭސި ލީގުކަޕް ސެމީފައިނަލްގެ ދެވަނަ ލެގުގައި ފަސޭހަކަމާއި އެކު 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މިޑުލްސްބަރާ ބަލިކޮށް 6-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ ޗެލްސީ އިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ހަތަރު ލަނޑުގެ ލީޑެއް ނެގިއިރު، މެޗުގެ ދެވަަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި މިޑުލްސްބަރާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މޯގަން ރޮޖާސް އެވެ.
މިމެޗުގައި ޗެލްސީގެ އިގިރޭސި މިޑްފީލްޑަރު ކޯލް ޕަލްމާ ދެލަނޑު ކާމިޔާބު ކުރި އިރު، އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް، ފްރާންސްގެ ޑިފެންޑަރު އެކްސެލް ޑިސާސީ ގެ އިތުރުން އިނގިރޭސި ފޯވާޑް ނޯނީ މަޑޫކް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ މިޑުލްސްބަރާ ގެ މިޑްފީލްޑަރު ޖޮނަތަން ހައުސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ސެމީ ފައިނަލުގެ ފުރަތަަމަ ލެގުގައި މިދެޓީމު މިޑުލްސްބަރާ ގެ ދަނޑުގައި ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެފައިވާ އިރު، އެޓީމަށް ކުރި ލިބެނީ 6-2 ގެ އެގްރިގޭޓް ނަތީޖާއަކުން ނެވެ.
މުބާރާތުގައި ފައިނަލުގައި ޗެލްސީ ވާދަކުރަންޖެހެނީ މާދަމާ ރޭ ކުޅެވޭ ސެމީފައިނަލްގެ ދެވަނަ މެޗުގައި ފުލަމް އާއި ލިވަޕޫލް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. ލިވަޕޫލުގެ ދަނޑުގައި ކުޅެވުނު ފުރަތަަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއަކުން އެޓީމު ކާމިޔާބުކޮށްފައިވާއިރު ، މާދަމާ ރޭ ކުޅެވޭ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފުލަމްގެ ދަނޑުގައެވެ.