އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު ޗެލްސީ ބަލިކޮށް ލިވަޕޫލުން 10 ވަނަ ފަހަރަށް ލީގު ކަޕް ކާމިޔާބުކޮށްފި
ހަސަން ޝަމްއޫން
2/26/2024, 12:00:00 AM
ލިވިޕޫލުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު އުފާފާޅުކުރަނީ
އިގިރޭސި ލީގުކަޕްގެ ފައިނަލްގައި އާދިއްތަ ދުވަހުގެ ރޭ 1-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް ލިވަޕޫލުން 10 ވަނަ ފަހަރަށް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ. އަދި މިއީ ޗެލްސީ އާއި ވާދަކޮށް އެޓީމު ޖެހިޖެހިގެން މޮޅުވި ތިންވަނަ ފައިނަލެވެ.
އިގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅެވެމުން މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަަމަ ހާފުގެ 33 ވަނަ މިނެޓުގައި ޗެލްސީގެ ރަހީމް ސްޓާލިން އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މިހާފުގައި ލިވަޕޫލުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ކޯޑީ ގައްޕޯ އަށެވެ. ފުރަތަަމަ ހާފުގެ 40 ވަނަ މިނެޓުގައި ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައިި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ލިވަޕޫލުން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި މިހާފުގައި ޗެލްސީގެ އިގިރޭސި މިޑްފީލްޑަރު ކޯނޯ ގަލެގާރ އަށް ލިވަޕޫލުގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މިއާއެކު މެޗުގެ 90 މިނެޓްގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި ލިވަޕޫލަށް މެޗުގެ ލީޑު ހޯދައިދިނީ އެޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް އެވެ.
މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ރޮބަޓްސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.