
އާރުޓީއެލް ހިދުމަތައް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް މާދަމާ ތިނަދޫގައި!
# އެމްޓީސީސީ# ހުވަދުއަތޮޅު# އާރުޓީއެލްRTL
އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކް – ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް ހުވަދުއަތޮޅުގައި ފެށުމަށްޓަކައި، ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް މާދަމާ ގދ. ތިނަދޫގައި ބޭއްވުމަށް އެމްޓީސީސީން ނިންމައިފި އެވެ.

އާރުޓީއެލްގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނީ، ހުވަދުއަތޮޅުގައި އާރުޓީއެލް ހިދުމަތް ފެށުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން މާދަމާ ރޭ 8:30 ގައި ހާއްސަ ޕްރޮގްރާމެއް ތިނަދޫގައި އޮންނާނެ ކަމަށެވެ.
އާރުޓީއެލްގެ ހިދުމަތް އަންނަ ޖުލައި މަހު ހުވަދުއަތޮޅުގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން އާރުޓީއެލް ހުވަދޫ އޮޕަރޭޝަނަށް ބޭނުންވާ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ.
ޖުލައި މަހު ހުވަދު އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމަށް އަމާޒުހިފާފައިވާއިރު، ހިދުމަތް ފަށައިގަންނާނީ 6 އުޅަނދާއެކު ކަމަށާއި، ޖުލައި މަސް ނިމެން ވާއިރަށް 8 އުޅަނދު ހުވަދު އަތޮޅުގެ އާރުޓީއެލް އޮޕަރޭޝަނުގައި ބޭނުން ކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.
ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 19 ރަށް އޮންނަ އިރު، އެ އަތޮޅުގައި އާރްޓީއެލް ހިދުމަތް ދިނުމަށް ނިންމާފައިވަނީ، މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ކޫއްޑޫ، ކާޑެއްދޫ އެއަރޕޯޓަށް ޚާއްޞަ ރޫޓު ހިމެނެއެވެ.
ހުވަދުއަތޮޅުގައި އާރްޓީއެލް ދަތުރުތައް ފަށާއިރު، 6 ސްޕީޑް ފެރީ ބޭނުންކުރުމަށް ނިންމާފައިވާއިރު، ހިދުމަތް ފުރިހަމަވެގެންދާއިރު އެއަތޮޅުގައި ޖުމްލަ 9 ސްޕީޑް ފެރީ ބޭނުންކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތަކީ، ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކުން ރާއްޖޭގެ ރަށްތަށް ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު އެއް މަޝްރޫޢުއެވެ. މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅުގެ ޖުމްލަ 46 ރަށެއް ވަނީ ފެރީ ނިޒާމުން ގުޅާލާފައެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު އެމްއެމްއޭ ބަލިކޮށް އެމްޓީސީސީ އިން ފެށުން ރަނގަޅުކޮށްފި

21 ޓީމާއިއެކު އިންޓަ އޮފީސް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 މިރޭ ފަށައިފި

ގުރައިދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި
