
ކޮންޑިޝަނަލް ގޯއްޗަށް ފޯމް ފުރުމުގެ ކުރިން އުސޫޅު ރަނގަޅަށް ކިޔާލާ - ސައުދު
# ތިނަދޫ ކައުންސިލް# ތިނަދޫ ރައީސް، ސައުދު އަލީ7E9304E4-B7C8-475D-BD75-77A5B7CBC866
ކޮންޑިޝަނަލް ގޯއްޗަށް ފޯމް ފުރުމުގެ ކުރިން އުސޫޅު ރަނގަޅަށް ކިޔާލުމަށް ގދ. ތިނަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ސައުދު އަލީ ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވެފައި މިވަނީ، ކޮންޑިޝަނަލް ގޯއްޗަކީ ރާއްޖޭގައި މުޅިން އަލަށް ފަށާ ކަމަކަށްވުމުން، އެ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތައް ކޮންމެހެން ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ހުރުމާއި ގުޅިގެންނެވެ. އަދި ގޯއްޗާއި ބެހޭ ގޮތުން ގިނަ ބަޔަކު ސުވާލުއުފައްދަމުންދާ ދަނޑިވަޅެއްގައި ސައުދު މިހެން ވިދާޅުވެފައިވާއިރު، ތިނަދޫ އިން ކޮންޑިޝަނަލް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މި ހިނގާ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ހުޅުވައި އުސޫލު ވަނީ އާންމުކޮށްފަައެވެ.
ދިރިއުޅުމަށްޓަކައި ދޫކުރާ ކޮންޑިޝަނަލް ގޯތި، ބިމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 18 މެއި 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް ތިނަދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ހުށަހަޅާ ފޯމް ތައް ހުށަހަޅަން ޖެހޭނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ފޯމުގެ އަސްލެވެ.
އެހެންކަމުން ކޮންޑިޝަނަލް ގޯއްޗަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރިހަމަކޮށް ލިޔެކިޔުންތަކާއެކު 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިނަދޫ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
ތިނަދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ ކޮންޑިޝަނަލް ގޯއްޗާއި ބެހޭ އިތުރު މައުލޫމާތު
މިއުސޫލުގެ ދަށުން ދިރިއުޅުމަށް ދޫކުރެވޭ ގޯތި ނުވަތަ ބިން، ތިނަދޫ ކައުންސިލާއި ގޯތި ލިބޭ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުގައިވާ ގޮތަށް، ކަނޑައެޅޭ މުއްދަތުގައި ދަށްވެގެން ދިރިއުޅެވޭ ފެންވަރަށް ގޯތި ތަރައްގީކުރެވެންޖެހޭނެއެވެ. އެގޮތުން އެމުއްދަތުގެ ތެރޭގައި މަދުވެގެން ކޮޓަރިއަކާއި ފާޚާނާ، ބަދިގެ ރާނައި ހިޔާކުރުމުގެ އިތުރުން މަގުގެ އިންފާރު ރާނައި މަގާވީ ފަޅިން ސިމެންތިޖަހާ ކުލަލައި ގޭގެ ނަންބޯޑު ހަރުކޮށްފައި ހުންނަން ޖެހޭނެއެވެ.
ބިމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް:
ދިވެހި ރައްޔިތެއް ކަމުގައިވުން
އުމުރުން 18 އަހަރު ފުރިފައިވުން
ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައިނެތުން
ބަންޑާރަ ގޯއްޗަކުން ބައެއް (600 އަކަފޫޓު ބޮޑު ނުވަތަ އެއަށްވުރެ ކުޑަވިޔަސް) ހިބައިން ނުވަތަ ތަރިކައިން ލިބި ރަޖިސްޓްރީވެފައިނެތުން
އެއްވެސް އިރެއްގައި ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އެމީހަކަށް ދިވެހި ސަރުކާރުން ނުވަތަ ކައުންސިލުން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައި ނުވާ ފަރާތެއް ކަމުގައިވުން
ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެފަރާތެއްގެ ނަމުގައި ކުރިން ރަޖިސްޓްރީވެ، އެފަރާތަށް ލިބުނު ގޯތި، ވިއްކައި، ހިބަ/ވަސިއްޔަތުން ދީފައި ނުވާ ފަރާތްތަކަކަށްވުން
މިއުސޫލުގެ ދަށުން ބިން ތަރައްގީކުރުމަށް އެންމެ ދިގުވެގެން ލިބޭނީ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރާ ތާރީޚުން ފެށިގެން 5 އަހަރުގެ މުއްދަތެކެވެ. މިމުއްދަތުގެ ތެރޭގައި ދިރިއުޅެވޭ ފެންވަރަށް ތަރައްގީކުރެވިފައި ނުވާނަަމަ، އެވަގުތަށް ކޮށްފައިވާ އިންވެސްޓްމަންޓާއެކު ބަދަލު ދިނުމަކާ ނުލައި ބިން ވަކިކުރެވޭނެއެވެ.
ތިނަދޫ ނޫން އެހެން ރަށްރަށުގެ ރަށްވެހިންނަށް ކޮންޑިޝަނަލް ބިން ލިބިގެން އެފަރާތާއިއެކު، އެއްބަސްވުމުގައި ސޮއިކުރާނީ ބިން ލިބޭ ފަރާތުން (އަނބި/ފިރި އަދި ދަރިން) ގެ އިތުރުން ތިނަދޫގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފަރާތްތަށް ރަޖިސްޓްރީ ކުރުމަށްފަހުގައެވެ.
ގުޅުންހުރި

250 އަށްވުރެ ގިނަ ބައިވެރިންނާއެކު ތިނަދޫ ކައުންސިލް ޤުރުއާން މުބާރާތް ފަށައިފި

ތިނަދޫގައި ވިޔަފާރިކުރުމަށް 16 ބިމެއް ކުއްޔަށް ދިނުމަށް ހުޅުވާލައިފި

ކޮންޑިޝަނަލް ގޯއްޗަށް ފޯމް ފުރުމުގެ ކުރިން އުސޫޅު ރަނގަޅަށް ކިޔާލާ - ސައުދު
