
IMG_0653
ގދ އަތޮޅުގެ ތިން ވަނަ އެއާޕޯޓު، ގދ ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި އެވެ.

މިރޭ ފަރެސްމާތޮޑާ އެއާޕޯޓުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި އެއާޕޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެއާޕޯޓުގައި މިރޭ އޮތް ޚާއްސަ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ ކެބިނެޓުގެ ބައެއް ވަޒީރުންނާއި ސަރުކާރު ކުންފުނި ތަކުގެ ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްޓީސީސީން ހެދި ފަރެސްމާތޮޑާ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއެއް އަޅާފައިވެ އެވެ. އެ އެއާޕޯޓް ހެދުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ.
އެ ޕްރޮޖެކްޓަށް 145 މިލިއަން ރުފިޔާ ހޭދަކުރާ އިރު މަސައްކަތް ނިންމުމަށް ދިނީ އެއްއަހަރާ އަށް މަސް ދުވަހެވެ. އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމި ލަސްވީ، ޕްރޮޖެކްޓަށް ބޭނުންވާ ބައެއް ސާމާނުތައް ގެނައުމުގައި ލަސްތައް ދިމާވުމުން ކަމަށް އެމްޓީސީސީން ކުރިން ބުނެފައިވެ އެވެ.
މި އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖެއްސީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި ކޮމާޝަލް ދަތުރުތަށް ރަސްމީކޮށް ފަށާފައިވަނީ މިރެއެވެ. މިރޭގެ ޖަލްސާގައި ބައިވެރިވުމަށް ރައީސް ސޯލިހް ފަރެސްމާތޮޑާއަށް ވަޑައިގެންނެވީ އެއާޕޯޓަށް ޖެއްސި ފުރަތަމަ ކޮމާޝަލް ފްލައިޓުގައި އެވެ.
ފަރެސްމާތޮޑާ އެއާޕޯޓަށް މިވަގުތު ދަތުރުތަށް ކުރުމަށް ހަމަޖެހިފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންއިން އެކަންޏެވެ. އެގޮތުން އެއާލައިނުން ހަފްތާއަކު ދެފްލައިޓު އެއާޕޯޓަށް އޮޕަރޭޓް ކުރުމަށް ވަނީ ނިންމާފައެވެ.
މިއެއާޕޯޓާއި އެކު ހުވަދު އަތޮޅު ވެގެންދާނީ ރާއްޖޭގެ އެންމެ ގިނަ ޑޮމެސްޓިކް އެއާޕޯޓުތަށް އޮތް އަތޮޅަށެވެ. އެގޮތުން ގދ އަތޮޅުގައި މި އެއާޕޯޓާއި އެކު ތިން އެއާޕޯޓު އޮތް އިރު ގއ އަތޮޅުގައި އެއް އެއާޕޯޓު އެބައޮތެވެ. ގދ އަތޮޅުގައި ދެން އޮތީ ގދ ކާޑެއްދޫ އެއާޕޯޓާއި ގދ މާވަރުލު އެއާޕޯޓެވެ. ގއ އަތޮޅުގައި އޮތީ ގއ ކޫއްޑޫ އެއާޕޯޓެވެ.