logoEN
ޕީއެންސީ 2
ދީނާއި ގައުމިއްޔަތު، ދިވެހީންގެ ނާރެހަށް ވީ މިހެންހެއްޔެވެ؟

ދީނާއި ގައުމިއްޔަތު، ދިވެހީންގެ ނާރެހަށް ވީ މިހެންހެއްޔެވެ؟

# ރިޕޯޓް

Maldivian

ބުނެއުޅޭގޮތުގައި ދިވެހި ގައުމަކީ ސައްތައިން ސައްތަ މުސްލިމް ގައުމެކެވެ. ދިވެހި ގައުމަކީ، ދިވެހި ގައުމާއި އިސްލާމްދީން ދެކެ ލޯބިވާ، ދިވެހި ގައުމަށާއި، އިސްލާމްދީނަށް ނަސްރުދޭ ދަރިންތަކެއް ތިބި ގައުމެކެވެ. ދިވެހި ދިދައިގެ މެދުގައިވާ ހަނދުފަޅިންވެސް ސާބިތުކޮށްދެނީ ދިވެހި ގައުމަކީ އިސްލާމީ ވަހުދަތެއް ގާއިމްވެފައި އޮތް ދައުލަތެއް އޮތް ގައުމެއް ކަމުގައިއެވެ. ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެތަކެއް މިސްކިތްތަކެއްވެސް އެޅިފައި އެބަ ހުއްޓެވެ. އެކަމުންވެސް ދައްކުވައިދެނީ ދިވެހިގައުމަކީ މުސްލިމް ރައްޔިތެއް ދިރިއުޅޭގައުމެއްކަން ގައިމެވެ. ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ފުރަތަމަ ބާބުގެ ދިހަވަނަ މާއްދާގެ (ށ) ގައި ވާގޮތުންވެސް ދިވެހި ރާއްޖޭގައި އިސްލާމްދީނާއި ޚިލާފް އެއްވެސް ގާނޫނެއް ނެހެދޭނެއެވެ. މިއީވެސް ދިވެހިގައުމަކީ މުސްލިމް ގައުމެއްކަން ސާބިތުކޮށްދޭ އެެއްކަމެއް ކަން ގައިމެވެ.

ޝަރީ 2024

މިދައްކަނީ ދިވެހި ގައުމަކީ، އަދި ދިވެހިންނަކީ މުސްލިމުންކަމުގެ އަދި މުސްލިމުން ނޫން ކަމުގެ ވާހަކައެއްވެސް ނޫނެވެ. ދިވެހި ގައުމަކީ އަދި ދިވެހިންނަކީވެސް މުސްލިމުންނެވެ. އެހެނީ ގާނޫނު އަސާސީގެ ފުރަތަމަ ބާބުގެ ނުވަވަނަ މާއްދާގެ (ރ) އިން އެކަން ވަރަށް ސާފުކޮށް ހެކިދެއެވެ. ނަމަވެސް ސުވާލަކީ، މިއަދު ދިވެހިންނަކީ މުސްލިމުންގެ ހުންނަންޖެހޭ އުޅުމާއި، ސުލޫކާއި، މަކާރިމުލް އަޙްލާގް، ހުންނަ ބައެއް ބާވައެވެ؟ ގައުމާއި އިސްލާމްދީންދެކެ ހަގީގަތުގައިވެސް ލޯބިވާ ބައެއް ބާވައެވެ؟ ގައުމަށާއި އިސްލާމްދީނަށް ނަސްރުދޭ ބައެއްވެސް ބާވައެވެ؟

ދިވެހި ގައުމުން ފެންނަ މަންޒަރުތަކަށް ބަލާލަމާތޯއެވެ. ގައުމުދެކެ ލޯބި ވާންވީ، ވަކި ބަޔަކަށް ވެރިކަމެއް ލިބި، އަނެއްބަޔަކަށް ވެރިކަން ގެއްލުމުންހެއްޔެވެ؟ ގައުމަށް ނަސްރުދޭ ގޮތަކީވެސް އެއީހެއްޔެވެ؟ ދިވެހި ރާއްޖޭގެ ތާރީހުންވެސް، އަދި މިއަދުވެސް ފެންނަމުން ދަނީ މި ކަމެވެ. އެއިރެއްގެ ބައެއްގެ ވެރިކަން ގެއްލުމުން، އެއިރެއްގެ ސަރުކާރަކާއި ދެކޮޅަށް ނުކުމެ، އިހްތިޖާޖްކޮށް، ތަންތަން ހަލާކުކޮށް ހަދައެވެ. ނަމަވެސް، ވެރިކަމުގެ ބާރާއި، ލައްޒަތާއި އަދި އަރާމް ލިބޭއިރު ކުރާ ވައްކަމާއި، މީހުންނަށް ދޭ އަނިޔާތަކާއި، ގައުމަށްދެވޭ ގެއްލުންތަށް ކުރާއިރު، އެއްކަލަ ގައުމީ ލޯބި ކޮބާހެއްޔެވެ؟ އިސްލާމްދީން ކޮބާހެއްޔެވެ؟ ގައުމުގެ އަމާނާތް ކޮނޑުގައި އަޅުވައިގެން ކުރި ބޮޑު ހުވާ އަދި ހުވާތަށް ކޮބާހެއްޔެވެ؟

ސިޔާސީ ކޯޅުންތަށް ދޫކޮށްލަމާ ހިންގަވާށެވެ. ގައުމުގެ ބައެއް ޒުވާނުންނަށް ބަލާލާށެވެ. އިސްލާމްދީނުގައި އޮންނަނީ، ހެއްދެވި ތާކު ރާބޮއެ، މަސްތުގެ ހާލުގައި ދުނިޔޭގައި އާވާރާ ވުން ހެއްޔެވެ؟ މިސްކިތުގެ ކުރިމަތިން ކުރިކަނޑާލާފައި ދާއިރުވެސް، މިސްކިތަށްވެސް ވަދެނުލެވޭ ހާލުގައި، އިތުރު ހެޔޮ އަމަލެއް ކޮށްލާނޭ ވަގުތެއްވެސް ނުވެއެވެ. އަބަދުވެސް މަސްތުގެ ހާލަތުގައިއެވެ. ކޮންމެވެސް ކަހަލަ ފާޙިޝް އަމަލެެއްކުރުމުގައިއެވެ. އެއީ މީހަކު މަރަން ޖެހުނު ކަމުގައި ވިޔަސް، އެކަންވެސް ކޮށްލަނީ އެއްވެސް ބިރެއް ނެތިއެވެ. ހައްގަކާއި ނުލައި އިންސާނަކު މެރުމަކީ ކިހައި ބޮޑު ފާފައެއްކަން ނޭނގެނީ ބާވައެވެ؟ ރާ ބޮއެ، މަސްތުގެ އަވާގައި ޖެހި، ޣާފިލް ކަންމަތީ ތިބުމަކީ، ދީނުގައި 40 ދުވަހުގެ ނަމާދު ބަލައި ނުގަނެވޭނެ ކަމެއްކަންވެސް ނޭނެގެނީ ބާވައެވެ؟ ޒިނޭ އާއި އެކި ކަހަލަ ފާޙިޝް އަމަލުތަށް ކުރުމުގެ ޖަޒާވެސް ނޭނގެނީބާވައެވެ؟

ފެންނަހާވެސް ކަމަކީ، މިއަދު މުޅި ދިވެހި ގައުމުވެސް، ދިވެހި މުޖްތަމައުވެސް، ހުޅަނގުގެ ވަސްވާސްތަކުގެ ތެރެއަށް ގޮސް ގެނބިއްޖެކަމެވެ. ދީނާއި ގައުމިއްޔަތުވެސް ވަކިކުރަން ގިނަ މީހުންނަށް ނޭނގޭ ކަމެވެ. ފެންނަހާވެސް ކަމަކީ، ބަދަލުހިފުމާއި، ވައްކަން ކުރުމާއި، ފޭރުމާއި، މީހުން މެރުމާއި މިފަދަ ކިތަންމެ ކަމެކެވެ. ގައުމުގެ އެންމެ މަތީ ފަންތީގެ މީހުންއިން ފަށައިގެން، ގައުމުގެ އެންމެ ފަގީރު، ނިކަމެތި މީހާގެ ހާލަށް ދާންދެނެވެ. ދީނާއި، ގައުމިއްޔަތު، ދިވެހީންގެ ނާރެހަށް ވާންވީ މިހެން ހެއްޔެވެ؟ އާދެ، ގައުމަކީ، ތިމާ ތާއީދު ކުރާ ސިޔާސީ ވެރިމީހާއެއް ނޫނެވެ!

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ