ރަޝިޔާގެ އިދިކޮޅު ލީޑަރު ޖަލަށް ލާން ހުކުމް ކޮށްފި

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ، 3 އަހަރާ 6 މަސްދުވަހަށް، ޖަލަށް ލާން މޮސްކޯގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ރަޝިއާގެ ރައީސް ޕުޓިންއަށް ފާޑު ވިދާޅުވަމުން ގެންދަވާ، ނަވާލްނީ ޖަލަށްލާން ކޯޓުން ހުކުމް ކޮށްފައިވަނީ، ކުރިން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުން ލަސްކުރުމަށް އޭނާ ރަޝިއާގެ ޕެނިޓެންޝަރީއާއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފްވި މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތަކަށް ފަހުގައެވެ.

ނަވާލްނީގެ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި، ނަވާލްނީ ހައްޔަރުކޮށްގެން ރަޝިޔާގެ ފުލުހުން އޭނާ ގެންގުޅެފައިވާ މުއްދަތު ހުކުމްގެ މުއްދަތު ކަޑާލުމުން އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ 2 އަހަރައި 8 މަސްދުވަސް ކަމުގައެވެ. އެހެންނަމަވެސް، ހުކުމް މަތީ ކޯޓުތަކުގައި އިސްތިއުނާފް ކުރާނެ ކަމުގައިވެސް އޭނާގެ ގާނުނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

ނަވާލްނީ އަށް ހުކުމް ކޮށްފައިވަނީ ރަޝިއާގެ ވެރިރަށް މޮސްކޯގެ، ސިމަނޯވްސްކީ ޑިސްޓްރިކްޓް ކޯޓުންނެވެ.

ރަޝިއާގެ އެތަކެއް ސިޔާސީ އިސްފަރާތްތަކުގެ ކޮރަޕްޝަންގެ އެތަކެއް މައުލޫމާތެއް އާންމުކޮށްގެން މަޝްހޫރުކަން ލިބިގެންދިޔަ ނަވާލްނީ ޖަލަށްލާން ރަޝިއާގެ ކޯޓުން ކުރި ހުކުމުގައި ވަނީ، މީގެ 5 މަސްކުރިން، ވިހަ ކެމިލަކެއް ކަމުގައި ނޮވިޗޮކް ދީގެން އޭނާ އެއަރ އެމްބިއުލާންސްގައި ޖަރުމަނަށް ގެންދިއުމަށްފަހު، ކޯޓު ހުކުމުގެ ޕެރޯލްގެ ޝަރުތުތަކާ އޭނާ ޚިލާފް ވެފައިވާ ކަމުގައެވެ.

ރަޝިޔާގެ ރައީސް ޕުޓިންގެ އެންމެ ބޮޑު ވާދަވެރިޔާ، ނަވާންލީ ޖަލަށް ލާން ހުކުމް ކުރުމާ ގުޅިގެން، ހުޅަގުގެ ގިނަ ގައުމުތަކުން ދަނީ އޭނާ ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. މިގޮތުން އެމެރިކާގެ އާ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެފައިވަނީ، ނަވާލްނީ ހައްޔަރު ކޮށްފައިވަނީ، އޭނާގެ އިންސާނީ ހައްގުތަށް ނިގުޅައިގަތުމަށްފަހު ކަމުގައެވެ. އަދި އޭނާވަނި ނަވާލްނީ ވަގުތުން މިނިވަން ކުރުމަށް ރަޝިއާގެ ރައީސަށް ގޮވާލައްވާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް