ސަރުކާރުން ފަށާފައިވާ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމުގައި މިއަދު 554 މީހެއްގެ ގަޔަށް ވެކްސިން ޖަހައިފިއެވެ.
އެޗްޕީއޭއިން ނެރުނު ހިސާބުތައް ބުނާ ގޮތުގައި އިއްޔެ ރާއްޖޭގައި ވެކްސިން ދީފައިވަނީ 282 މީހަކަށެވެ. އަދި މިއަދު 554 މީހަކަށް ވެކްސިން ދިން އިރު ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދު ވަނީ 880 އަށް އަރާފައެވެ.
ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފެށީ އިއްޔެ އެވެ. އެގޮތުން އިއްޔެއާއި މިއަދު މާލޭގެ އިތުރުން ކުޅުދުއްފުށްޓާއި އައްޑޫ ސިޓީގައި ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ. އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި ވެކްސިން ދޭން ފަށާނީ މާދަމާއެވެ. އަދި ސިއްޙީ މަރުކަޒުތަކުގައި ވެކްސިން ދޭން ފަށާނީ މާދަމާ ނޫން އަންނަ ދުވަހު އެވެ.
ރާއްޖޭގައި ދިނުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފައެވެ.