ވެކްސިނާ ގުޅޭ ދޮގު މައުލޫމާތު ފަތުރާނަމަ ބްރޯޑްކޮމްއިން ފިޔަވަޅު އަޅަނީ

ކޮވިޝީލްޑް ވެކްސިން ---

ކޮވިޑް19 އިން ސަލާމަތްވުމަށް ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ ޓީވީ ސްޓޭޝަންތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފިއެވެ.

އެކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވެކްސިނާ ގުޅިގެން އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ ދޮގު މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށް އިލްތިމާސްކުރާ ކަަމަށެވެ. އަދި ވެކްސިނާ ގުޅޭ މައުލޫމާތު ބްރޯޑްކާސްޓު ކުރުމުގައި ސަމާލުވުމަށްވެސް އެކޮމިޝަނުން ވަނީ އެދިފައެވެ.

ބްރޯސްޑްކާސްޓިންގް ކޮމިޝަނުން ވިދާޅުވި ގޮތުގައި ޓީވީ ސްޓޭޝަން ތަކުން ގެނެސްދޭ މައުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ފަހު ގެނެސްދޭ މަޢުލޫމާތަކަށް ވާންޖެހޭނެއެވެ. ނޫންނަމަ އެ ޗެނަލްއަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ރާއްޖޭގައި ފެތުރެމުން ދާއިރު އެންމެ ޒިންމާދާރު އެއްފަރާތަކީ ނޫސްވެރިންނާއި އެ މައުލޫމާތުތައް ބްރޯޑްކާސްޓް ކުރާ ފަރާތްތައް ކަމަށާއި ކޮވިޑް-19 ވެކްސިނާ ގުޅޭ މައުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް އެކޮމިޝަނުން ވަނީ ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފައެވެ. އަދި އެ މައުލޫމާތުތައް ރައްޔިތުންނާ ހިސާބަށް ވީ އެންމެ އަވަހަކަށް ފޯރުކޯށްދިނުމުގައި މީޑިއާތައް އަދާކުރަމުންދާ ދައުރު ފުރިހަމަކަމާއެކު އަދާކުރުމަށް ކޮމިޝަނުން އިލްތިމާސް ކުރިއެވެ.

 

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް