FgXt4CRVsAAPL61
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސް މަރުހަލާ ފެށުމަށް މާދަމާއަށް ތާވަލުކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށަހަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި، ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ، 2023ވަނަ އަހަރުގެ ބަޖެޓް ބަހުސް މާދަމާ މަޖިލީހުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބަޖެޓްގެ ބަހުސް ކުރިއަށް ގެންދާނީ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ކޮންމެ ދުވަަކުވެސް ހެނދުނު 09:00 އިން ފެށިގެންނެވެ. ބަޖެޓް ބަހުސް ޖަލްސާތައް ރޭގަނޑު 10:00 އާ ހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އިވާ ވިދާޅުވި އެވެ.
"ބުރާސްފަތި ދުވަހު ރޭގަނޑު 10:00 އަށް ބަހުސް ނުނިމެންޏާ، އަޅުގަނޑުމެން ހަމަ ކުރިއަށް ގެންދާނީ" - އިވާ
ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނެޓުގެ ވަގުތެއް ލިބިގެންދާނެއެވެ.
ބަޖެޓްގެ ބަހުސްއަށްފަހު ކޮމެޓީ މަރުހަލާގެ މަސައްކަތް ނިންމައި މަޖިލީހުން ބަޖެޓް ފާސް ކުރުމަށް އަމާޒު ހިފާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.