ފްލެޓް ލިސްޓަށް އުނި އިތުރު ނުގެނެސް، ފްލެޓްތައް ހަވާލުކުރަން ސަރުކާރަށް އަންގަން މަޖިލީހުން ފާސްކޮށްފި
އަހުމަދު ސަދޫފް މޫސާ
5/6/2024, 8:48:10 AM
ރައްޔިތުންގެ މަޖިލިސް
މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަމަށް ކަނޑައެޅި ފަރާތްތަކުގެ ލިސްޓަށް އުނި އިތުރެއް ނުގެނެސް، އެ ލިސްޓާ އެއްގޮތަށް ފްލެޓްތައް ހަވާލުކުރުމަށް ސަރުކާރަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެގޮތަށް ފާސްކުރީ ފްލެޓްތަކާ ގުޅިގެން އާންމު ފަރާތްތަކުން ހުށަހެޅި މައްސަލަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.
އެގޮތުން އެ މައްސަލަ އެގޮތަށް ފާސްކޮށްފައިވަނީ މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ 29 މެންބަރުންގެ ޣައުލަބިއްޔަތުންނެވެ. އެ މައްސަލައާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.
މަޖިލީހުން މިފަދަ މައްސަލައެއް ފާސްކޮށް، ސަރުކާރަށް އަންގާފައިވަނީ މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ހަވާލުކުރި ފަރާތްތަކުގެ ލިސްޓުގައި ކޮރަޕްޝަނުގެ ޢަމަލުތައް ހުރި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައި އެ ލިސްޓުތައް މުރަޖަޢާ ކުރަން ފެށުމާ ގުޅިގެންނެވެ.
އެއާއެކު އޭސީސީން ތަހުގީގެއް ފަށައި، ތަހުގީގުން ނިންމީ އެ ލިސްޓުން ޝަރުތު ހަމަވަނީ އެންމެ 20.7 އިންސައްތަ ފޯމުގައި ކަމަށެވެ. އެގޮތުން އެ ލިސްޓުން 59.6 އިންސައްތަ ފޯމުތަކުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައެޅި އިރު، އެ ފްލެޓުތައް ހަވާލުކުރާނީ ލިސްޓުތައް މުތާލިއާ ކުރުމަށްފަހުގައި ކަމަށް މިހާރުގެ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވެސް ވަނީ ވިދާޅުވެފައެވެ.