ރެއާލް މެޑްރިޑްއިން ލެވާންޓޭ އަތުން ބަލިވެއްޖެ

ސްޕެނިޝް ލީގުގައި ރެއާލުން އަމިއްލަ ދަނޑުގައި 2-1 އިން ލެވަންޓޭ އަތުން ބަލިވެއްޖެއެވެ.

ރެއާލުން ރޭގެ މެޗުގެ ބޮޑުބައި ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ ނުވަ ވަނަ މިނިޓްގައި އެ ޓީމުގެ ބްރެޒިލް ޑިފެންޑަރު އެޑާ މިލިޓާއޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. ލެވަންޓޭގެ ސާޖިއޯ ލެއޯން އަށް ކުރި ފައުލަކަށް ފުރަތަމަ މިލިޓާއޯ އަށް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރަތް ކާޑަކަށް ބަދަލުކުރީ އެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެގެންވެސް  މެޗުގައި ފުރަތަމައިން ލީޑު ނެގީ މެޑްރިޑް އިންނެވެ. މި ގޯލު އެޓީމަށް ކާމިޔާުކޮށްދިނީ އެޓީމުގެ ތަރި މާކޯ އެސެންސިއޯ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަންޓޭގެ ހޯސޭ ލުއިސް މޮރާލޭސް ވަނި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ލެވަންޓޭ މޮޅުކޮށްދިން ގޯލު މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ރޮޖާ މާޓީ އެވެ.

 މެޗުން ލެވަންޓޭ މޮޅުވި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މި ލަނޑު ރޮޖާ ކާމިޔާބުކޮށްފައިވަނީ އެނިސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މި ލަނޑަށްފަހު ވެސް ރެއާލަށް ނަތީޖާ ހަމަހަމަކުރާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

މި ނަތީޖާއާއި އެކު ރެއާލް އޮތީ 40 ޕޮއިންޓާއި އެކު ތާވަލުގެ ދެވަނައިގައެވެ. އަދި މެޗުން މޮޅުވި ލެވާންޓޭ އޮތީ 26 ޕޮއިންޓާއި އެކު ތާވަލުގެ 9 ވަނައިގައެވެ. ލީގުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. އެގޮތުން ބާސާއާއި  އެތްލެޓިކް ބިލްބާއޯ މިރޭ ދަންވަރު 01:00 ގައި ބައްދަލުކުރާއެވެ. އަދި އެތްލެޓިކޯ މެޑްރިޑާއި ކަޑީޒް މިރޭ 20:15 ގައި ބައްދަލުކުރާނެ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް