
New Project (1)
މިިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއިން ބޭރި ކުރި މުދަލުގެ މިންވަރު (އެކްސްޕޯޓްސް)، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ދަށްވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ސެޕްޓެމްބަރު މަހުގެ އެކްސްޕޯޓްސް ވަނީ 4 ޕަސެންޓު ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ރާއްޖެއިން 172 މިލިއަން ރުފިޔާގެ މުދާ ބޭރު ކުރި އިރު، މިއަހަރުގެ ސެޕްޓެމްބަރުގައި އެކްސްޕޯޓުކޮށްފައިވަނީ 166 މިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. ދެން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ޖަރުމަނާއި އިނގިރޭސި ވިލާތަށެވެ.
އެކްސްޕޯޓު ދަށްވި ނަމަވެސް މިދިޔަ މަހު މުދާ އެތެރެކުރި މިންވަރު (އިމްޕޯޓްސް) ވަނީ 27 ޕަސެންޓު އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް 3.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިދިޔަ މަހު އެތެރެކޮށްފައިވާ މުދަލުގެ އަގަކީ 4.4 ބިލިއަން ރުފިޔާ އެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން (އަގުގެ ގޮތުން) މުދާ އެތެރެކޮށްފައިވަނީ އޮމާން އިންނެވެ. އޮމާއިން 794 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ދެވަނަ އަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން 627 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. އަދި ޗައިނާއިން 525 މިލިއަން ރުފިޔާގެ މުދާ، ޔޫއޭއީ އިން 438 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. ސިންގަޕޯ އިން އެތެރެކޮށްފައިވަނީ 392 މިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު މުދާ ހިފައިގެން ރާއްޖެއަށް 88 ބޭރުގެ ބޯޓު އައިސްފައިވާއިރު، 92 ބޯޓެއް ވަނީ ފުރާފައެވެ. އަދި ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި ސެޕްޓެމްބަރު މަހު 351 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ވަނީ 25 ޕަސެންޓު އިތުރުވެފައެވެ.
ގުޅުންހުރި

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 1 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި

ސިއްރުން އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
