ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުގެ މަގުސަދުގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް (ޓީ.އައި) ގެ ފަރާތުން މިއަދު ނެރުނު 2020 ވަނަ އަހަރުގެ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) ގައި ދިވެހިރާއްޖެ 14 ޕޮއިންޓު ކުރިއަށް ޖެހިލައިފިއެވެ.
ދުނިޔޭގެ 180 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސަރވޭތަކަށާއި، ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިރުކުރާ ދިރާސާތަކުގެ މައްޗަށް ބަލައި ހެދޭ މި އިންޑެކްސް ގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކަ އާއި ދެމެދުގެ މިންގަނޑެކެވެ. އެގޮތުން ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒުކޮށްދޭ އިރު، ސަތޭކައިން ރަމްޒުކޮށްދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ. ސީ.ޕީ.އައި ގައި ގައުމުތަކަށް ލިބޭ ޕޮއިންޓް ކަނޑައަޅަނީ މަދުވެގެން ތިން މަސްދަރެއް މެދުވެރިކޮށް ހޯދާ މައުލޫމާތު އެއްކޮށްގެން ނެރެވޭ ނަތީޖާއެއް ބޭނުންކޮށްގެންނެވެ.
2020 ވަނަ އަހަރުގެ ސީ.ޕީ.އައި އިން ދައްކާގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 75 ވަނައިގައެވެ. 2019 ވަނަ އަހަރުގެ ސީ.ޕީ.އައި އާއި އަޅާ ބަލާއިރު ރާއްޖެ މިވަނީ 14 ޕޮއިންޓް ކުރި ހޯދައި، ގައުމުތަކުގެ ތަރުތީބު ކުރުމަށް ބަލާއިރު 55 ދަރަޖަ ކުރި ހޯދައިފައެވެ. 2020ވަނަ އަހަރު ރާއްޖޭގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތް ކޮށްފައިވަނީ ބައިނަލްއަގްވާމީ ތިން މަސްދަރަކަށެވެ. އެއީ،2019 ޖަނަވަރީއިން ފެށިގެން 2020 ޖަނަވަރީގެ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގ، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވަރލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީ.ޕީ.އައި.އޭ) އެވެ.
މި އިންޑެކްސްގައި ދުނިޔޭގެ ރޭންކިންގެ އެންމެ ފުލުގައި ސައުތު ސޫދާންއާއި ސޯމާލިއާ އޮތްއިރު އެންމެ ކުރީގައި އޮތީ ޑެންމާކާއި ނިއުޒިލޭންޑެވެ. އަދި އޭޝިއާ ޕެސިފިކް ގައުމުތަކަށް ބަލާއިރު އެންމެ ކޮރަޕްޝަން މަދު, ހިންގުމުގެ ނިޒާމު ސާފު ގައުމަކަށް ނިއުޒިލޭންޑު އޮތް އިރު އެންމެ ކޮރަޕްޝަން ބޮޑު ގައުމަކަށް އޮތީ ނޯތް ކޮރެއާއެވެ.
މިއަހަރުގެ ސީ.ޕީ.އައި އިން ފާހަގަކޮށްލެވޭ މުހިންމު އެއް ކަމަކީ، ކޮރަޕްޝަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަށަގަންނަމުންދާ ގޮތާއި މިންވަރު ތަފާތު ނަމަވެސް ކަރަޕްޝަނަކީ ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށް މުޅި ދުނިޔެއަށް އޮތް ގޮންޖެހުމެއްކަމެވެ. އަދި ކޮވިޑް-19 އަކީ ސިއްހީ އަދި އިގްތިސާދީ ކާރިސާއެއްގެ އިތުރުން ކޮރަޕްޝަންގެ ކާރިސާއެއް ކަންވެސް ފާހަގަކޮށްފައިވެއެވެ.