![ވޭތުވެދިޔަ 7 އަހަރުތެރޭ ކުންފުނިތަކާއި ގުޅުންހުރި 1465 ޝަކުވާ](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F10%2FFgSocuBUUAAsp9m.jpg&w=3840&q=75)
FgSocuBUUAAsp9m
ނަޒާހަތްތެރި ދައުލަތެއް އުފެއްދުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަދާކުރަންޖެހޭ ޒިންމާ ބޮޑުކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
އޭސީސީގެ ރައީސް މިހެން ވިދާޅުވީ "މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ބަނޑޮސް މޯލްޑިވްސްގައި މިއަދު ފެށި މިކޮންފަރެންސްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް ވިދާޅުވީ ދައުލަތަކީ ނަޒާހަތްތެރި ދައުލަތަކަށް ހެދުމުގައި ކުންފުނިތަކުގެ ދައުރު ބޮޑުކަން އޭސީސީއަށް ހުށަހެޅޭ ތަފާތު އެކި މައްސަލަތަކުން ހާމަވާކަމަށެވެ. އަދި ފާއިތުވެދިޔަ 7 އަހަރުގެ ތެރޭގައި އޭސީސީއަށް ކުންފުނިތަކާއި ގުޅުންހުރި 1465 ޝަކުވާ ހުށަހެޅިފައިވާއިރު، ޝަކުވާތައް ބެލުމަށްފަހު 234 ރެކޮމަންޑޭޝަން ކުންފުނިތަކަށް ދެވިފައިވާކަމަށެވެ.
އޭސީސީން ދޭ ރެކޮމަންޑޭޝަންތަކަށް އަމަލު ކުރޭތޯ ބެލުމަށް މިހާތަނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަން ބެލޭނެ ނިޒާމެއް އެކުލަވާލާފައި ނެތުންކަމަށާއި ނަމަވެސް މިހާރު އޭސީސީގައި މޮނިޓަރިން އެންޑް އެވިލުއޭޝަން ޑިޕާޓްމަންޓެއް އުފައްދައި މިފަދަ ކަންކަން ބެލޭނެ އިންތިޒާމު އޭސީސީގައި ހަމަޖެހިފައިވާނެކަމަށް ޝާމިލް ވިދާޅުވިއެވެ.
"އަޅުގަނޑު ކުންފުނިތަކަށް ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާ އެކުގައޭ. އަޅުގަނޑުމެން އޭސީސީން 234 އެންގުމެއް އެންގުމަށްފަހު ދެންކުރީ ކީއްތޯ އެއީ ތިބޭފުޅުން އަޅުގަނޑުމެން ގާތު އަހާ ސުވާލު. މިސުވާލުގެ ޖަވާބުގާ އަޅުގަނދަށް ދެންނެވެން އޮތީ ވޭތުވެދިޔަ އަހަރުތަކުގަ އެއަށްފަހު އޭސީސީތެރޭގައި އެކަން ބެލުމަށް މާބޮޑު މަސައްކަތްތަކެއް ކުރެވިފައިނެތޭ. އެހެންކަމުން އަޅުގަނޑުމެން މިމަސައްކަތާއި ހަވާލުވެ އެންމެ ފުރަތަމަވެސް ކުރި އެއްކަމަކީ އޭސީސީގައި މޮނިޓަރިން އެންޑް އިވޮލުއޭޝަން ޑިޕާޓްމަންޓެއް އުފެއްދުން. މިހާރު މިޑިޕާޓްމަންޓުގައި ވަކި މުވައްޒިފުން ތިއްބަވައިގެން އެމަސައްކަތް ފައްޓަވައިފި." އޭސީސީގެ ރައީސް ވިދާޅުވިއެވެ.
ކުންފުނިތަކާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަވަނީ 3 ކަމެއްމަށް ޝާމިލް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ މުވައްޒިފުން ނަގާ ގޮތާއި، މަސައްކަތްތަކާއި ޚިދުމަތްތައް ހޯދުމުގައި އަމަލު ކުރާގޮތާއި، ސީއެސްއާރު މަސައްކަތްތައް ކުރުމުގައި އަމަލުކުރާ ގޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. މި 3 ދާއިރާގައިވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހިނގުމުގެ ޖާގަ ލިބެނީ ހާމަކަމެއް ނެތި ކުރެވޭ ކަންތައްތަކުންކަމަށް ޝާމިލް ވިދާޅުވިއެވެ.
މި ކޮންފަރެންސްގެ ތެރެއިން ހެޔޮ ހިންގުމުގެ ނިޒާމެއްގެ ތެރެއިން އެސް.އޯ.އީތަކުގައި ހުރި ކޮރަޕްޝަންގެ ރިސްކުތައް ނައްތާލުމަށް ކުރެވޭނެ ކަންކަމާއި. މަޢުލޫމާތު ސިއްރުކުރުމުގެ ސަޤާފަތް ދޫކޮށްލާ، ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުންފުނިތަކުގެ ހިންގުން ރޭވުމާއި، ޖަވާބުދާރީ ކުރެވޭނެ މެކޭނިޒަމްތައް ޤާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.