
Dengue-scaled
މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވެެފައިވާ ކަމަށާއި، ބައެއް މީހުންނަށް އެ ބަލީގެ ނުރައްކާ ބޮޑު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ސެޕްޓެމްބަރު މަހާ އަޅާކިޔާއިރު، މި މަހުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރު ކަމަށެވެ. އަދި އާއްމު ގޮތެއްގައި ވިއްސާރަ މޫސުމާއި ޑެންގީ އުޅޭ ނިސްބަތް އިތުރު ކަމަށްވެސް ބުނެފައި ވެއެވެ.
އެޗްޕީއޭއިން ބުނީ، މިއީ ގިނަގިނަ ވިއްސާރަ ކުރި އަހަރަކަށް ވުމުން މިހާރުވެސް ވިއްސާރަ ކުރަމުންދާތީ މަދިރި އާލާވެ އިތުރުވުން ކުރިއަށް އޮތްތަނުގައި ގިނަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެޗްޕީއޭ އިން ވަނީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ މި ބަލި ނައްތާލުމަށް މަދިރި އުފެދި އާލާވާ ތަންތަން ނައްތާލަން ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން، ޑެންގީ ޖެހުމުން ހުމުގެ އިތުރުން އެހެނިހެން ނުރައްކާތަކާވެސް ކުރިމަތިވާ ކަމަށެވެ. އަދި ހާއްސަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުން، އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑު ކަމަށް ބުނެފައި ވެއެވެ. އަދި މިފަދަ ނުރައްކާތެރި ހާލަތްތައް އަވަހަށް ދެނެގަނެ އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ، ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ކަމަށް ބުނެފައި ވެއެވެ.
އެހެންކަމުން ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަ ނަމަ އެއީ ޑެންގީގެ ނުރައްކާތެރި އަލާމާތެއް ކަމަށާއި، ލަސް ނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާ މިންވަރު މަދުވުމާއި، ވަރުދެރަވުމާއި، ތުއްތުުކުދިންނަށް ގާތުން ނުބޮވުމާއި، ބަނޑުގައި ރިއްސުމާއި، ގިނަގިނައިން ހޮޑުލުމާއި، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން ފަދަ ކަންކަން ހިމެނެއެވެ.
ގުޅުންހުރި

އަހަރުގެ މިހާތަނަށް 352 ޑެންގޫ ކޭސް: އެންމެ ގިނައިން ކޭސްތައް ރިޕޯޓުކުރީ މާލެ ސަރަހައްދުގެ އިތުރުން ރ އަދި އއ އަތޮޅުން!

ނޭވާލާ ނިޒާމު ބަލިކަށިކުރުވާ ވައިރަހެއް ރާއްޖޭގެ ކުޑަކުދިންގެ މެދުގައި އިތުރުވަނީ

ރާއްޖެއިން އެމްޕޮކްސްގެ ކޭސްތަކެއް ފެނިފައިވާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް!
