
177778_3_860e2e6f38936a5dca19d2d66865ed5aab906416_medium
ފާއިތުވި ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ އަގު 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު %40 ދަށްވެފައިވާކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު, 2020 ވަނަ އަަހަރުގެ ޑިސެމްބަރ މަހު މި އަދަދުވަނީ 2.6 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.
އަދި ފާއިތުވި ޑިސެމްބަރ މަހު ދައުލަތައް ލިބުނު އާމްދަނީވެސް ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާ ބަލާއިރު 30 އިންސައްތަ ދަށްވެފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު 359 މިލިއަން ރުފިޔާ ދައުލަތައް ލިބިފައިވާއިރު, 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހު މި އަދަދުވަނީ 252 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ.
ފާއިތުވި މަހު ދިވެހި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ ޗައިނާ, ޔޫ.އޭ.އީ އަދި އިންޑިއާއިންނެވެ. ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ 32 އިންސައްތައަކީ ޗައިނާ އަދި ޔޫ.އޭ.އީ އިން އެތެރެކޮށްފައިވާ މުދާތަކެވެ. އަދި ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ 14 އިންސައްތަ ހިއްސާވަނީ އިންޑިއިން އެތެރެކުރި މުދާތަކެވެ.
މީގެ އިތުރުން ފާއިތުވި މަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާ މުދަލުގެ އަގު ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާ ބަލާއިރު 8 އިންސައްތަ އިތުރުވެފައެވެ. ފާއިތުވިމަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ތައިލޭންޑް އަށެވެ. އެއީ އެކްސްޕޯޓް ކުރި މުދަލުގެ 70 އިންސައްތައެވެ.