logoEN
cocacola
ނާގާބިލު ކައުންސިލްގެ ފަހަތުގައި ނާގާބިލު ރައްޔިތު މީހާ!

ނާގާބިލު ކައުންސިލްގެ ފަހަތުގައި ނާގާބިލު ރައްޔިތު މީހާ!

އަޙްމަދު ޖަމީލު

logo

1/21/2021, 2:47:42 PM

# ރިޕޯޓް

thinadhoo (1)

ރަށްފުށުގައި ދިރިއުޅޭ ގިނަ މީހުން އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ އެރަށެއްގެ ކައުންސިލް ގެ ނާގާބިލު ވާހަކައެވެ. ރަށުގެ ގިނަ ކަން ކަމުގައި ކައުންސިލް ގެ ހިއްސާ އެއް އޮވެއެވެ. އެހެން ނަމަވެސް އެއްވެސް ކަމެއް ރައްޔިތު މީހާ ބޭނުންވާ ގޮތަކަށް ނޫން ގޮތަކަށް އެކަމެއް ހިނގައިފި ނަމަ ކައުންސިލަރުން ނާގާބިލު ވެގެންދެއެވެ. މީގެ މާނަ އަކީ އަބަދު ކައުންސިލަރުން ވެސް ކުރަނީ ރަނގަޅު ކަންތައްތަކުގެ ވާހަކައެއް ނޫނެވެ.

ގޮސިޔާ

އަތޮޅު ތެރޭ ރަށް ތަކުގެ އާބާދީ މަދުވިޔަސް، އެ ރަށެއްގެ ކައުންސިލަރުންގެ ގޮތުގައި ތިބޭ މީހުންނަކީ ވަރަށް ބޮޑެތި ޒިންމާތައް ނަގައިގެން ވަރަށް ވިސްނޭ ސިޔާސަތު ތަކެއްގެ ދަށުން އެ ރަށެއްގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން އެ މަގާމަށް އައިސް ތިބޭ ޒިންމާ ނަގަން ކެރޭ ވެރިންނެވެ. ނަމަވެސް، ބައެއް ކައުންސިލަރުންގެ އަމަލުތައް ހުންނަނީ އެއާއި ޚިލާފަށެވެ. އަމިއްލަ މަންފާއަށް ނުވަތަ މަހު މުސާރާއިގެ ދަހިވެތިކަމުގަ އެހެން ނޫނީ ވެރިއެއްގެ ލަގަބު ހޯދުމުގައި ތިބޭ ކައުންސިލަރުންވެސް މި ރާއްޖޭގައި މަދެއް ނޫނެވެ. މިފަދަ މެމްބަރުން ތިބޭ ކައުންސިލް ތަކުގެ އަމަލުތައް ހުންނަ ގޮތުން އެފަދަ ކައުންސިލް ތަކަށް ދިވެހީން ކިޔާ އުޅެނީ "ނާގާބިލު ކައުންސިލް"އެވެ.

އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ކައުންސިލް ގައި ތިބޭ ކައުންސިލަރުން ނާގާބިލު ވުމުގެ ސަބަބުން އޭގެ އެތަކެއް ނޭދެވޭ އަސަރުތަކެއް މުޅި ރަށުގެ ރައްޔިތުންނަށް ކުރަމުންދާއިރު، އެއީ ހަމަ އެކަނި ކައުންސިލަރުންގެ މައްސަލައެއްގެ ގޮތުގައި އާންމު ފަރާތްތަކުން ސިފަކުރަމުންދެއެވެ. އެހެން ނަމަވެސް ހަގީގަތަކީ، ނާގާބިލު ވަނީ ރަށުގެ ރައްޔިތުމީހާއެވެ. އެކަމުގެ ޒިންމާ ވެސް ނަގަން ޖެހެނީ އެ ރަށެއްގެ ރައްޔިތުންނެވެ. ގަބޫލު ކުރަން ބޭނުން ނުވި ނަމަވެސް، އެ ކައުންސިލަރެއް ގޮނޑީގައި އިންނަނީ ރައްޔިތު މީހާގެ ވޯޓު ހޯދައިގެން ގޮސްގެންނެވެ. ހަމަ ގައިމުވެސް ތޮށި މަތީ މަސްބާނަން ހުރެފަ މަގާމަށް އަންނަނީ އެއް ނޫނެވެ.

ކޮންމެ 4 އަހަރަކުން އެއްފަހަރު މި ބުނާ ކައުންސިލް މެމްބަރުންގެ ގޮނޑިއަށް ވާދަކޮށްގެން ދޮރުން ދޮރަށް ސަލާންޖަހައިގެން ވޯޓު ހޯދަން ދެއެވެ. އެދުވަހު ގާބިލު ކައުންސިލެއް ބިނާ ކުރުމުގެ ބާރު އަތުގައި އޮންނަ އިރު، ރައްޔިތުމީހާގެ ވިސްނުން ވެސް ހުންނަނީ ވަގުތީ އުފަލަކަށް، ފައިސާއަށް ވޯޓު ވިއްކާލުމެވެ. ނުވަތަ ތިމާ ތާއިދު ކުރާ ޕާރޓީ އަށް ވޯޓު ދިނުމެވެ.

ތައުލީމެއް އަދި ގާބިލު ކަމެއް ނެތްކަން ކަށަވަރު ވިޔަސް، އަދި ހަތަރެސް ފައި ގުޑުވައިލެވޭ ވަރުގެ މީހަކަށް ނުވިޔަސް އެ މީހަކު ތިމާ ތާއީދުކުރާ ޕާޓީގެ ފަރާތުން ކުރިމަތިލާފައި ހުރި ނަމަ، އެމީހަކަށް ވޯޓު ދެއެވެ. ނުވިތަނަކަށް ގާތްތިމާގެ މީހުންނަށް ގުޅާ ކެމްޕެއިން ކޮށް، ވޯޓު ހޯދައިގެން ކައުންސިލްގެ މަގާމު އެމީހަކާއި ހަވާލު ކުރެއެވެ. މިކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލޮލަށް ފެނި ގަބޫލު ކުރާ ކަމެކެވެ.

ރާއްޖޭގެ ވޯޓުލާ މީހުންގެ ތެރެއިން 1 ޕަސެންޓް މީހުންވެސް ވަތަނަށް ޓަކައި، ގައުމަށްޓަކައި ނުވަތަ ދަރީންގެ މުސްތަގުބަލަށްޓަކައި ގާބިލު މީހަކަށް ވޯޓު ދީފައެއް ނުވާނެއެވެ. އެކަން ފެނިގެން ދަނީ ރާއްޖޭގެ ކައުންސިލް ތަކުގައި ތިބޭ މެމްބަރުން ތަމްސީލު ކުރާ ޕާރޓީ ތަކާއި، އެ ރަށެއްގައި އެޕާރޓީ އަށް އޮންނަ ތާއީދުންނެވެ. ރާއްޖޭގެ އެއްވެސް ރަށެއްގައި މިހާ ތަނަށް ޕާރޓީ ތަމްސީލު ނުކުރާ ކައުންސިލަރުން މިނިވަން ކައުންސިލަރުން އެކަނި ނުތިބެއެވެ.

އެދުވަހު ރައްޔިތުމީހާ ހޮވާ ނާގާބިލު ކައުންސިލުގެ އަމަލުތައް ހުންނަ ގޮތުން ފާޑު ކިޔުމެގެ އެއްވެސް ބޭނުމެއް ނެތެވެ. އަދި އެ ކައުންސިލަކުން ޒިންމާދާރު ދައުރެއް އަދާ ނުކުރިޔަސް އެއީ ހައިރާންވާން ޖެހޭވަރުގެ ކަމެއްވެސް ނޫނެވެ.

އަނެއްކާވެސް މިއަދު މިއޮތީ، ޒިންމާދާރު ގާބިލު ކައުންސިލެއް ހޮވުމުގެ ފުރުސަތު ރައްޔިތުން ގެ އަތްމަތީގައެވެ. ގާބިލު ރަނގަޅު ކައުންސިލެއް ހޮވާށެވެ. އެކަމުގެ ފައިދާ ކުރަނީ އެންމެހާ ރައްޔިތުންނަށެވެ. ތިމާގެ ރަށާއި، ގައުމަށެވެ. އަދި ތިމާގެ ދަރީންގެ މުސްތަގުބަލަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ