logoEN
cocacola
މަތީ އަރުތަވެރިންގެ އިނާމު - ބަދަލެއް ނުވި ޒުވާބުތަކެއް

މަތީ އަރުތަވެރިންގެ އިނާމު - ބަދަލެއް ނުވި ޒުވާބުތަކެއް

# ތަޢުލީމު

242222_9d9957a6-e_

ދަރިވަރުން ދިހަ ބާރަ އަހަރު މަދަރުސީ ހަޔާތް ވޭތުކުރަނީ ވަރަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. ބެލެނިވެރިންނާއި މުދައްރިސުންނާއި އަދި އެނޫންވެސް ބޭފުޅުންގެ އެހީތެރިކަމާއެކު މަސައްކަތް ކުރަނީ ކުރިއަށް މުޅި އުމުރުދުވަސް އެކަމެއްގެ މައްޗަށް "ބަރޯސާވާން ޖެހިފައިވާ" އޯލެވެލް/އޭލެވެލް އިމްތިހާނުތަކަށެވެ. އެ އިމްތިހާނުތަކުން އެކި ދަރިވަރުން އެކި އެކި ނަތީޖާތަށް ނެެރެމުންދެއެވެ. ދުނިޔޭގެ އެންމެ ޝަރަފުވެރި ދަރަޖަތަކުން ފެށިގެން ގައުމީ ފެންވަރުގެ ދަރަޖަތައް ޙާސިލްކުރާ ދަރިވަރުންނާއި އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވޭ ދަރިވަރުންނާއި ހަމައަށެވެ. މިކަން މިހެން އޮތުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ފަރަގުކުރުމުގައި ގެންގުޅެވޭ ގޮތްހެއްޔެވެ؟ ނޫނީ މޮޅެތި ދަރިވަރުންނަށް އާނބަސްބުނެ، އެންމެ އެދެވޭ ނަތީޖާ ނުނެރެވޭ ދަރިވަރުންނަށް ބަދުބަސް ބުނެވުން ހެއްޔެވެ؟ ނޫނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދެވޭ އިނާމު ތަކުގެ ސަބަބުން އެދަރިވަރުންނަށް ރައްދުވާ ބަދުބަސް ހެއްޔެވެ؟

ގޮސިޔާ

ތަހުޒީބުކޮށް ވިސްނަމާ ހިންގަވާށެވެ. މައިންބަފައިންނާއި އާއިލާމީހުންގެ އެހީތެރިކަމާއި އެތަކެއް ބުރަޔަކާއެކު ދަރިވަރަކު މަދަރުސީ ހަޔާތް ނިންމަނީ އެންމެ ފުރިހަމަ ގޮތުގައިކަމަށް ނުވެދާނެއެވެ. ހުރިހާ ދަރިވަރުންނަކީ ފަހި ފުރުސަތުތަކެއް ހުރި މާހައުލެއްގައި ކިޔަވާ ދަރިވަރުންނަށް ނުވެދާނެ އެވެ. މާނައަކީ އެއް ދަރިވަރެއްގެ މައިންބަފައިން ނުވަތަ އާއިލާގެ މާލީ ޙާލަތު ހުރި ގޮތުން އެދަރިވަރުގެ ކިޔެވުމަށާއި އަދި އެނޫންވެސް ޓިއުޝަންތަކަށް ޙަރަދުކުރުމަށް މައިންބަފައިންނަށާއި އާއިލާއައް ދަތިނުވާ ވާހަކައެވެ. ހަމަ މި ބީދާއިން އަނެއްބައި ދަރިވަރުންގެ މައިންބަފައިންނާއި ޢާއިލާގެ މާލީ ޙާލަތާއި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެދަރިވަރެއްގެ ކިޔެވުން އެންމެ ފަސޭހަގޮތުގައި އެ ފަހި ފުރުސަތުތަކާއެކު ކުރިއަށް ގެންދެވެން ނޯވެދާނެ އެވެ.

ކޮންމެ ގޮތަކަށް އާއިލީ ކަންކަން އޮތްކަމުގައި ވީނަމަވެސް، އެންމެ ފަސޭހަ ގޮތުގައި ތައުލީމު ޙާސިލްކުރާ ކުއްޖާއާއި އެއްވަރަށް އެންމެ ފަސޭހަ ނޫން ގޮތުގައި ތަޢުލީމު ޙާސިލްކުރާ ދަރިވަރުގެ ނަތީޖާ ހަމަހަމަ ވުމަކީ ހަމަ ވެދާނެ ކަމެކެވެ. އެކަންކަމަކީ ވަކި ޢާއިލީ ގޮތުން ދަރިވަރުންގެ ކިޔެވުމަށް އޮންނަ ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށް ކިރާލެވޭނެ ކަމެއް ނޫނެވެ. އަދި މަތީ އަރުތަވެރިންގެ އިނާމަކީވެސް މިބީދައިން ދަރިވަރިންގެ ތައުލީމުގެ މައްޗަށް ބިނާކޮށް ކިރާލެވޭނެ އިނާމެއް ނޫނެވެ.

މަތީ އަރުތަވެރިންގެ އިނާމުގެ ވާހަކަ ދެއްކުމުން އެންމެ ބޮޑަށް އަޑުއިވޭ ވާހަކައަކީ "އެ އިނާމަކީ ދަރިވަރުންގެ ފަރަގު ބަޔާންކޮށްދިނުމަށް" ދެވޭ އިނާމެއް ކަމަށެވެ. އެ އިނާމަކީ "އުވާލަން ޖެހޭ" އިނާމެއް ކަމަށެވެ. ނަމަވެސް ބައްލަވަމާ ހިންގަވާށެވެ. ގްރޭޑް އެކަކުން ފެށިގެން ގިނަ ދަރިވަރުންގެ އަމާޒަކީ އެއީއެވެ. އެ އަމާޒަށް ހުރިހާ ދަރިވަރުންނަށް ވާސިލް ނުވެވިދާނެއެވެ. އޭގެ މާނައަކީ ވަކި އެ އިނާމު ގޯސް އިނާމަކަށް ވުމެއް ނޫނެވެ. މަތީ އަރުތަވެރިންގެ އިނާމު ލިބޭ ދަރިވަރުންނަށް ދެވިގެންދާ އާނބަސް ފަދައިން، އެ އިނާމު ޙާސިލް ނުވާ ދަރިވަރުންނަށް ވެސް އާނބަސް ބުނަން ޖެހެއެވެ.

ދެވޭ އިނާމަކުން ދަރިވަރެއްގެ މުޅި މުސްތަގްބަލް ކިރާލުމަކީ ހެދޭނެ އެންމެ ބޮޑު އެއް ގޯހެވެ. އެ އިނާމަކީ ދަރިވަރުންގެ ފަރަގު ކުރުމުގައި ގެންގުޅޭ އިނާމަކަށް ވުމުގެ ވިސްނުމުމުގެ ބަދަލުގައި މިއަދު އަޅުގަނޑުމެން ދަންނަންވީ އެ އިނާމަކީ ކޮންމެ ގޮތަކަށް، ކޮންމެ ޙާލެއްގައި ދިރިއުޅުން އޮތް ކަމުގައި ވީނަމަަވެސް، ކިޔެވުމުގައި މަސައްކަތް ކުރި ދަރިވަރުންނަށް ދެވޭ އިނާމެއް ކަމުގައިއެވެ. އެއީ އެދަރިވަރުން ކުރި މަސައްކަތް ބަލައިގަތް ކަމުގެ ނިޝާނެއް ކަމުގައިއެވެ. އެ އިނާމަކީ ދަރިވަރުންގެ މުޅި މުސްތަގްބަލް އެކަމެއްގެ މައްޗަށް ބިނާ ނުވާނެ އިނާމެއް ކަމުގައިއެވެ.

އެ އިނާމު ޙާސިލްނުވާ ކިތަންމެ ދަރިވަރަކު ތިބޭނެއެވެ. އޭގެ މާނައަކީ އެދަރިވަރަކީ މުޖްތަމައު ބަލައިނުގަންނަ ދަރިވަރަކަށް ވުމެއް ނޫނެވެ. މަތީ އަރުތަވެރިންގެ އިނާމު ނުލިބުނު ކިތަންމެ ދަރިވަރަކު މިއަދުވެސް ޤައުމުގައި އެކި އެކި ދާއިރާތަކުގެ އިސް ފަންތިތަކުގައި މަސައްކަތް ކުރެއެވެ. ހަމަ އެ އިނާމު ޙާސިލް ކުރި ކިތަންމެ ދަިރވަރަކު މުޖްތަމައުއަށް އެންމެ އެދެވޭ މަސައްކަތްތަކެއް ނުކޮށްވެސް އެބަތިއްބެވެ.

މިކަމުގައި އަޅުގަނޑުމެން ކުރަންވީ އެންމެ ކަމެކެވެ. މަތީ އަރުތަވެރިންގެ އިނާމާ މެދު އަޅުގަނޑުމެން ފައްސި ވިސްނުމަކުން ވިސްނުމެވެ. އިނާމު ލިބޭ ދަރިވަރުންނަށް އާނބަސް ބުނުމާ އެކު، އިނާމު ޙާސިލް ނުކުރެވޭ ދަރިވަރުންނަށްވެސް ހިތްވަރުދީ ކުރިއަރަން ނަސޭޙަތް ދިނުމެވެ. އެ އިނާމު ނުލިބުނަސް، އެދަރިވަރުން ކުރި މަސައްކަތް ބަލައިގަތުމެވެ. އެހެނީ މުޖްތަމައުއެއް ކުރިއަރައިގެން ދާނީ އެއް ވިސްނުމެއްގައި، އެންމެން ގުޅިގެން މަސައްކަތް ކުރުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ