ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން އިސްނަގައިގެން ގއ.ދެއްވަދޫ އަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރާކަތުގެ ތެރެއިން ލިބުނު އެހީ މިއަދު ދެއްވަދޫ އަށް ފޮނުވައިފިއެވެ.
ތިނަދޫ ކައުންސިލުން ކުރިއަށް ގެންދިޔަ މި ހަރާކާތުގައި ތިނަދޫ ގެ ކައުންސިލުގެ ފަރާތުންނާއި ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމަޓީ ގެ އިތުރުން ބައެއް ޖަމިއްޔާތަކާއި، ވިޔާފާރިތަކާއި، އާންމު ފަރުދުންގެ ފަރާތުން ވަނީ ދެއްވަދޫ އަށް އެހީ ދީފައެވެ.
ތިނަދޫ ކައުންސިލް ގެ ރައީސް އަލީ އަމްޖަދު "ގާފު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތިނަދޫ ރައްޔިތުން އަބަދުވެސް ތިބޭނީ ހުވަދު އަތޮޅުގެ ރައްޔިތުންނަށް އުދަނގޫ ވަގުތު ތަކުގައި އެފަރާތްތަކަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ބައެއްގެ ގޮތުގައި ކަމަށެވެ.
"ތިނަދޫ ރައްޔިތުން އަބަދުވެސް ތިބޭނީ ހުވަދު އަތޮޅުގެ ރައްޔިތުންނަށް ދިމާވާ ދަތި އުދަނގޫ ވަގުތު ތަކުގައި އެފަރާތްތަކަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއްގެ ގޮތުގައި، މި ފުރުސަތުގައި ތިނަދޫ ގެ ހުރިހާ ރައްޔިތުންގެ ނަމުގައި ދެއްވަދޫ ރައްޔިތުންނަށް ހެޔޮދުއާ ކުރަން"
– ތިނަދޫ ކައުންސިލް ގެ ރައީސް އަލީ އަމްޖަދު
މިއަދު ދެއްވަދޫ އަށް ފޮނުވި އެހީ ތަކުގެ ތެރޭގައި ބޯފެނާއި، ކުޑަކުދިންގެ ނެޕީ ، ސައިފަތް، ދޮންނަކުނޑީގެ އިތުރުން އާއި ޕާނާއި އެހެނިހެން ކާނާ ގެ ބާވަތްތައް ހިމެނެއެވެ.
ދެއްވަދޫގެ ރައްޔިތުން ފުރަބަންދެއްގައި ތިބުމުގެ ސަބަބުން ވަނީ ދަތި ތަކާއި ކުރިމަތި ލާން ޖެހިފައެވެ. އެހެން ނަމަވެސް، ހުވަދު އަތޮޅުގެ އެކި ރަށްތަކުން ދަނީ ދެއްވަދޫ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެކި ރަށްތަކުން ދަނީ ދެއްވަދޫ އަށް އެހީ ވުމަށް ޚާއްސަ ހަރަކާތްތައް ބާއްވާ، ކަނޑު މަހާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހަދިޔާ ކުރަމުންނެވެ.
One Response
ޝުކުރިއްޔާ ތިނަދޫ އެންމެ ބޭފުޅުނުންނަށް.
އަބަދުވެސް ތިޔަ ކޮށްދެވި ކަންތައް ހަނދާނުގަ ބަހައްޓާނަން ❤️