ޕާކިސްތާނުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި މުޅި ގައުމު ކަނުއަނދިރީގައި އުޅެން ޖެހިއްޖެ އެވެ.
މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން، ފާއިތުވީ ހޮނިހިރު ދުވަހުގެ ރޭ ޕާކިސްތާނުގެ ޕަވަރ ޑިސްޓިރިބިއުޝަން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ޕާކިސްތާނުގެ ގިނަ ސިޓީތަކާއި، އަވަށްތަކުން ކަރަންޓު ކެނޑި، މުޅި ޕާކިސްތާނަށް ވަނީ އަނދިރިކަމާއި ކުރިމަތިލާންޖެހިފައެވެ. ރިޕޯޓްތައް ބުނާގޮތުން، ފާއިތުވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ޕާކިސްތާނުގެ ގިނަ ސިޓީތަކުން ކަރަންޓް ކެނޑިފައިވަނީ އެއްވަގުތެއްގައެވެ. މިގޮތުން ކަރާޗީ، ރަވަލްޕިންޑީ، ލާހޯރު، އިސްލާމްއާބާދު އަދި އިތުރު ސިޓީތަކުން ކަރަންޓް ކެނޑިފައިވާކަން ވަނީ ރިޕޯޓް ކުރެވިފައެވެ.
އިސްލާމް އާބާދުގެ ޑެޕިއުޓީ ކޮމިޝަނަރު ހަމްޒާ ޝަފްޤާތު ޓްވީޓް ކޮށްފައިވާގޮތުގައި، ކަރަންޓް ކެނޑިފައިވަނީ، ކަރަންޓް ވިއުގަ ގުޅުވައިދޭ މައި ކޭބަލްތަކެއް ކެނޑުމުގެ ސަބަބުންނެވެ. އަދި މިގޮތުން، ކުރީގެ ހާލަތަށް އަނބުރާ ގެނައުމަށް ކޮންމެވެސް ވަރެއްގެ ވަގުތެއް ނަގާނެކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ޕާކިސްތާނުގެ އެނާޖީ މިނިސްޓަރ އުމަރު އައްޔޫބު ޚާން ބުނެފައިވާގޮތުގައި، ޕަވަރ ޑިސްޓްރިބިއުޝަން ސިސްޓަމުގެ ފްރިކުއެންސީ 50 ން ސުމަކަށް ދަށްވެ، މުޅިގައުމުން ކަރަންޓް ކެނޑުނީ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. އަދި ޕަވަރ ޑިސްޓްރިބިއުޝަން ސިސްޓަމުގެ ފްރެކުއެންސީ ވެއްޓެން ދިމާވި މައްސަލަ ބަލައި ހައްލުކޮށް އަލުން ކަރަންޓް ދިނުމުގެ މައްސަލަ ހައްލު ކުރަމުން އަންނަކަމަށް މިނިސްޓަރ އިތުރަށް ވިދާޅުވެފައި ވެއެވެ.
ޕާކިސްތާނަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ މައި ޕްލާންޓް ކަމުގައިވާ، ސިންދު ޕްރޮވިންސުގައި ހުންނަ ގުއްޑޫ ޕަވަރ ޕްލާންޓްގައި މައްސަލަޔެއް ދިމާވެފައިވާކަން، ކަރަންޓް ކެނޑުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެނާޖީ މިނިސްޓަރގެ ޓްވީޓަކާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.
އެނާޖީ މިނިސްޓަރު އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޕަވަރ ޕްލާންޓަށް ދިމާވި މައްސަލަޔާއި ގުޅިގެން، މަތީ ވޯލްޓޭޖް ކޭބަލްތަކުގެ ފްރިކުއެންސީ 50 ން ސުމަކަށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދިޔުމާއި ގުޅިގެން، ޕަވަރ ޕްލާންޓް ވަނީ ނިއްވާލަން ޖެހިފައެވެ. ޕާކިސްތާނުގައި ކަރަންޓަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށްދަނީ އެނާޖީ މިނިސްޓަރ ޚާންގެ ޚާއްސަ ބެލުމުގެ ދަށުންނެވެ.
ޕާކިސްތާނުގެ ރަށްޔިތުންނަށް ދިމާވެފައިވާ މިދަތި ދަނޑިވަޅުގައި، ކެތްތެރިކަމާއެކު ރަށްޔިތުން ތިއްބެވުމަށް އެނާޖީ މިނިސްޓަރ އިލްތިމާސް ކޮށްފައިވެއެވެ. އަދި ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ ޓީމްތަށް ހަރަކާތްތެރިވަމުން އަންނަ ކަމުގައި މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި މިނިސްޓަރގެ ފަހުގެ ޓްވީޓެއްގައި، ބައެއް އަވަށްތަކާއި ސިޓީތަކަށް މިހާރު ކަރަންޓް ދެވިފައިވާކަން ހާމަކޮށްފައިވެއެވެ.