logoEN
ކޮކާކޯލާ
ދަރީންނަށް ތިޔަ ދެވެނީ އެންމެ ރަނގަޅު ތަރުބިއްޔަތެއްތަ؟

ދަރީންނަށް ތިޔަ ދެވެނީ އެންމެ ރަނގަޅު ތަރުބިއްޔަތެއްތަ؟

# ދަރިވަރުން# މައިންބަފައިން# ކޮލަމް

Happy family silhouette on the sunset

ރިވެތި އަޙުލާގެއްގެ ވެރި މުޖުތަމަޢުއެއް ބިނާކުރެވޭނީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުންނެވެ. ކުދިން ކުޑައިރުން ފެށިގެން ބައްޓަން ކުރެވޭ ގޮތަކުން އެކުދިންގެ އުޅުމަށާއި އަދަބަށް ބަދަލު އާދެއެވެ. ނަމަވެސް ބައެއްފަހަރު ދެވޭ ތަރުބިއްޔަތާއި ކުދިންގެ ފަރާތުން ފެންނަ އަމަލާ ދިމާ ނުވާ ފަހަރުވެސް އާދެއެވެ. މުޖުތަމައުގެ ތެރެއިން ފެންނަ ކަންތައްތަކާއި އިވޭ އަޑު ތަކަށް ބިނާކޮށް އަންނަ މިފަދަ ބަދަލުތަކުގެ ޒިންމާ ނަގާނީ ކޮންފަރާތަކުން ކަމާމެދު އަބަދުވެސް ސުވާލު އުފެދެއެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ޒިންމާ ނެގުމުގެ އިނގިލިތައް ދިގު ކުރާ އިރު މިފަދަ ކަންތައްތަކަށް އެކަށޭނެ ރަނގަޅު ރިސާރޗެއް ހެދިފައެއް ނެތެވެ.

އަބުޅޯ

އެންމެ ފުރަތަމަ އަޙުލާގު އުނގަންނައިދޭ ބަޔަކަށް ވެގެން މިދަނީ މައިންބަފައިންނެވެ. ނުވަތަ އަމިއްލަ ގެއިންނެވެ. އެންމެ ތުއްތު އިރުއްސުރެ ރަނގަޅު ގޮތުގައި ދަރިފުޅު ބޮޑު ކުރުމަށް އެންމެހާ މައިންބަފައިން އަޒުމު ކަނޑައަޅައެވެ. ގުދުރަތީ ގޮތުން އަށަގަންނަ ނުވަތަ ހުންނަ އަޙުލާގާއި ތަރުބިއްޔަތު ކުރެވޭ ގޮތުން އަށަގަންނަ އަޙުލާގުން މީހާ ބޮޑުވަމުންދާއިރު އެފަދަ ކަންކަން އޮބްޒާވް ކުރެވެން ޖެހެއެވެ. ނަމަވެސް މިއަދުގެ ހާލަތައް ބަލާއިރު މިކަން ކުރެވެނީ ކިތައް މައިންބަފައިންނަށް ތޯއެވެ.

ދިރިއުޅުމުގެ ހާލަތުގެ ގޮތުން ނަމަވެސް މިކަންކަމަށް މިއަދު ވަނީ ގޮންޖެހިފައެވެ. ދަރިފުޅު އެކަނި ނުވަތަ ގޭގައި ގެންގުޅޭ މީހެއް ކައިރީ ބެހެއްޓުމަށްފަހު މައިންބަފައިން އޮފީހަށް ދަނީ ދިރިއުޅުމުގެ ޒަރޫރަތްތައް ފުރިހަމަ ކުރުމަށް ބޭނުން ވާ ލާރި ހޯދުމުގެ ނިޔަތުގައި ނަމަވެސް އޭގެއިން ކުރާ ނޭދެވޭ އަސަރާއި މެދު ވިސްނާލެވޭތޯ އެވެ. ގޭގައި އުޅޭ ގަޑީ ގައި ވެސް ގިނަ ފަހަރު ދަރިންގެ ފިލާވަޅުތައް ނިންމުމުގައި އެހީތެރިވެ ދިންކަމުގައި ވީނަމަވެސް އެކުދިންނާ އެކީ އެންމެ އެކަށޭނެ ރަނގަޅު ވަގުތު ހޭދަ ކުރެވޭލެއް މަދު ކަމުން ޢާއިލީ ގުޅުމަކީ އެހާ މުހިންމު ގުޅުމެއް ނޫންކަމުގައި އެފަދަ ކުދިން ނަގައިގަނެއެވެ. އަދި ބޮޑުވަމުން އަންނަ ވަރަކަށް އާއިލާއާ ދުރުވަމުންދެއެވެ. އެއް ކޮޓަރިއެއްގައި މުޅި އާއިލާ ދިރިއުޅެން ޖެހުމަކީ ވެސް އޭގެ ސަބަބުން އެތަކެއް ނޭދެވޭ އަސަރު ކުރާ ކަމެކެވެ.

ބަފައިން އޮފީހުގައި މަސައްކަތު އުޅޭ ގަޑީގައި މައިން ތިބެނީ ކްލާހުގައެވެ. މަތީ ތައުލީމް ހާސިލް ކުރުމަށެވެ. ދަރިން އުޅޭ ނޫޅޭ ގޮތެއް، ދަރިންނަށް ދޭން ޖެހޭ އަޅާލުމެއްވެސް ނުދެވި އެކުދިން އެކަނިވެރިވެ ދާ ފަހަރުވެސް އާދެ އެވެ. އޭގެ ސަބަބުން އެ ކުދިންނަށް ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރު ކުރުވައެވެ. ހެދިފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ނަފްސާނީ ބައްޔަށް ވާސިލްވާ އެއް ސަބަބަކީ ކުދިންނަށް ގޭތެރެއިން ބޭނުންވާ އަޅާލުން ނުލިބުމެވެ. މައިންބަފައިންގެ ފަރާތުން ލިބެންވާ ލޯތްބާއި އަޅައިލުން ނުލިބުމަކީ ދަރިންނަށް އޭގެ ނޭދެވޭ އަސަރު ދިގުދެމިގެންދާ ގޮތަށް ލިބޭ އެއް ސަބަބެވެ.

މަދުރަސީ ދައުރަކީ ރިވެތި އަހުލާގެއްގެ ވެރި މުޖުތަމައު އެއް ބިނާ ކޮށް ބިންގާ އަޅާ ދެވަނަ ތަނބެވެ. ނުވަތަ ދެވަނަ އެދުރު ގެއެވެ. އެންމެ ތުއްތު އިރުއްސުރެ އާއިލާގެ މެންބަރުންނެކޭ އެއްފަދައިން ސުކޫލު މާހައުލުން ދިމާވާ އެންމެން ގެ ފަރާތުން ފެންނަ ކަންތައްތައް ކުދިން ބަލައިގަނެ ދެ ބައި މީހުން އަޅުވާ ކިޔަން ފަށައެވެ. އަދި ހަމަ އެހެންމެ އެ ފެންނަ ކަންތައްތައް އިމިޓޭޓް ކުރަން ފަށައެވެ. ވަކިން ޙާއްސަކޮށް ކިޔަވައި ދެއްވާ ޓީޗަރު ފަރާތުން ކުޑަ ކަމެއް ފެނުނު ކަމުގައި ވީ ނަމަވެސް އެ ވާހަކަ ދައްކަން ފަށައެވެ. ނަތީޖާ އަކަށްވަނީ ގްރޫޕުތައް ހަދައިގެން ޓިޗަރުންނާއި އަދި އެ ނޫނަސް މީހުންނާއި ބެހެން ފެއްޓުމެވެ. ކުރީގައި ސުކޫލުތަކުގެ ވެރިންނަށް ދަރިވަރުން ކުރާ ކުށްތަކަށް އެކަށޭނެ އަދަބު ދިނުމުގެ ހުއްދަ ދީފައި އޮތް ކަމުގައި ވީ ނަމަވެސް މިހާރު ދަރިވަރުންގެ ސުލޫކީ މިންގަޑު ދަށްވިޔަސް އެޅޭނެ މާ ބޮޑު ފިޔަވަޅެއް ނެތެވެ. ކަމެއް ދިމާވެގެން ބެލެނިވެރިޔާ ސުކޫލަށް ހާޒިރުކުރުމުން، ދަރިފުޅު ބައިންދައިގެން ޓީޗަރާއި ދިމާލަށް ބަސް ބުނަނީ ކިތައް ބެލެނެވެރިން ތޯއެވެ. ދަރި ދޮންފުތުކޮށް ވާހަކަ ދެއްކުމުން ދަރިފުޅަށް އެ ވިސްނައި ދެވެނީ އެ ކުރެވެނީ ރަނގަޅު ކަމެއް ކަމުގައެވެ. އެހެން ކަމުން ކުރާ ގޯސް ކަންތައްތަކަށް އިތުރަށް ބާރު ލިބިގެންދަނީ އެވެ.

އެބައެއް އުޅޭނޫޅޭ ގޮތް ދެން ދަރިން ނުވަތަ ޖީލު ނަކަލު ކުރާ ބަޔަކަށް ވެގެން ދާނީ ސަރުކާރާއި ވުޒާރާ ތަކުގެ ވެރިންގެ އިތުރުން ބޮޑެތިމީހުންނެވެ. މިހާރުގެ މަސްރަހަށް ބަލާއިރު އެންމެ ތުއްތު ކުއްޖާއަށްވެސް ޕާރޓީ ތަކުގެ މައުލޫމާތު ވަރަށް ރަނގަޅަށް އެނގޭނެއެވެ. ދެ ޕާރޓީ ދެމެދު ހިނގާ ކޯޅުން ތަކާއި އަޅުވާ އިލްޒާމުތަކުގެ ވާހަކަ ތަކެވެ. މަގު މައްޗަށް ނުކުމެ މަގުމަތީގައި ހިނގައިބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ބެލުމެއް ނެތި މަގުމަތީގެ ގާނޫނުތަކަށް ބޯލެނބުމެއް ނެތި ހިންގާ ރެލީ ތައް ފެނި، ގަވައިދަކީ ވަކިބަޔަކަށް ވީމަ އޮންނަ އެއްޗެއް ކަމަށް ވިސްނެން ފަށައެވެ.

މިއިން ކޮންމެ ކަމަކީ އޭގެ ސަބަބުން މުޖުތަމައުއް ހިންގަން ތިބޭ އާންމު ފަރުދުންނަށް އޭގެއިން ނޭދެވޭ އަސަރު ކުރާނެ ކަންތަކެވެ. ބިނާ ކުރަނިވި ޖީލެއް ނުވަތަ މުޖުތަމައުއެއް ބައްޓަން ކުރެވޭނީ އެންމެން ޒިންމާ ނަގައި އަތު ގުޅާލައިގެންނެވެ. ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި މުޖުތަމައުގެ ކޮންމެ ފަރުދަކީވެސް މުހިއްމު ދައުރެއް އަދާ ކުރާ މީހެކެވެ. ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލެވެ. ގައުމީ ނައުގެ ހުންގާނު ދޫކޮށްލަން ރަނގަޅު ޖީލަށް ބިނާ ކުރުމަށްޓަކައި ކުދަކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުން މުޙިއްމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ