
ބީއެމްއެލް ފިނޭންސް މިނިސްޓްރީ
ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުން ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ޑޮލަރު ނެގޭ މިންވަރު އިތުރުކުރުމަށްޓަކައި ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޑޮލަރު ނެގޭ ލިމިޓް އިތުރުކުރަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފަޔާއެކު ވަޒީރުގެ މަޖިލީހުން ނިންމެވީ މިދިޔަ ޑިސެމްބަރުމަހު 25 ވަނަ ދުވަހުއެވެ. އެގޮތުން ސަރުކާރުން ނިންމަވާފައިވަނީ 750 ޑޮލަރުގެ ލިމިޓް، 1200 ޑޮލަރަށް އިތުރުކުރުމަށެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ނިންމުން ތަންފީޒުކުރަން އަވަސްކުރަން ސަރުކާރުން މަސައްކަތްކުރެއްވިނަމަވެސް މި ސިޔާސަތު ތަންފީޒުކުރުމުގައި މި ވަގުތު ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ. ނަމަވެސް ބީއެމްއެލްއާއި، އެމްއެމްއޭ އަދި މަތީ ތަޢުލީމާބެހޭ ވުޒާރާއާއިއެކު މަސައްކަތްކޮށް، މިކަމުގައި ހުރި ދަތިތައް ޙައްލުކޮށް ވީހާވެސް އަވަހަށް ނިޒާމު ޤާއިމުކޮށް ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ބަޔާނުގައިވެއެވެ.
ޑޮލަރުގެ މަައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި ޚިދުމަތުގެ ފައިދާ ދަރިވަރުންނަށް ލިބޭކަން ކަށަވަރުކުރުމަށް، ބޭރުގައި ކިޔަވާ ދަރިވަރުންގެ އަދާހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް ހަަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުންދާކަމަށްވެސް ފިނޭންސްއިން ވިދާޅުވެއެވެ.
ފިނޭންސްގެ ބަޔާނުގައި ވަނީ ރާއްޖޭގެ ރަސްމީ ރިޒަރވް އިތުރުކުރުމަށާއި، ބޭންކިން ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުުކުރުމަށްޓަކައި މާލީ ވުޒާރާއާއި އެމްއެމްއޭ އަދި ބޭންކުތައް ގުޅިގެން މަސައްކަތްތައް ފައްޓަވާފައިވާކަމަށެވެ.