logoEN
ޕީއެންސީ 2
ސޯޝަލް މީޑިއާއިން ހާލަތު ބަދަލުވެ ގުޅުންތަކަށް ބުރޫ އަރައެވެ.

ސޯޝަލް މީޑިއާއިން ހާލަތު ބަދަލުވެ ގުޅުންތަކަށް ބުރޫ އަރައެވެ.

ގާފު އެޑިޓޯރިއަލް

logo

12/17/2020, 9:25:07 AM

# ރިޕޯޓް

1

ބަވަނަ ވަމުންދާ މިދުނިޔޭގައި، އެޑްވާންސް ޓެކްނޮލޮޖީ އުފެއްދުންތައް ވަނީ އިންސާނުންގެ ދިރިއުޅުމާއި ގުޅިލާމެހިފައި ވެއެވެ. މީގެ ކުރީގެ ޒަމާންތަކާއި އަޅާބަލާއިރު، ދިރިއުޅުމަށް ފަސޭހަ، ލުއި، އަރާމު، މޮޅު ގޮތްތައް ކުރިއަރާފައިވާ ޓެކްނޮލޮޖީ ވަނީ ހޯދައި ދީފައިވެއެވެ. ދިރާސާތަކުން ހާމަވާގޮތުގައި 3 ބިލިޔަން މީހުން ޝޯޝަލް މީޑިޔާ ބޭނުންކުރާއިރު، ޝޯޝަލް މީޑިއާ ބޭނުންކުރާ ފަރާތެއް އެވްރެޖްކޮށް ދުވާލަކު 3 ގަޑި އިރުގެ ވަގުތެއް އެއަށް ހޭދަކުރެއެވެ. ނޭވާލުމަށް އޮކްސިޖަން ބޭނުންވާ ފަދައިން ފޯނާ ނުލައި އެންމެ މިނެޓެއްވެސް ހޭދަކުރުމަކީ ބައެއް ފަރާތްތަކަށް އުދަނގޫ ވެއެވެ. އިންސާނުންގެ ދިރިއުޅުމުގެ ބޮޑު ކޮންޓްރޯލެއް ސޯޝަލް މީޑިޔާ ނަގާފައިވާ މިންވަރު، މިފަދަ ކަންކަމުން ހާމަވެގެންދެއެވެ. ނަމަވެސް ސޯޝަލް މީޑިޔާ އަޅުގަނޑުމެންގެ ދިރިއުޅުމަށް ގެނެސްފައިވާ ބޮޑު އިންގިލާބާ އެކީ، އިންސާނުން ދައްކަންޖެހޭ އަގެއް އެބައޮތެވެ. އެ އަގަކީ، ސޯޝަލް މީޑިޔާގެ ސަބަބުން އިޖުތިމާޢީ ގުޅުންތަކަށް ބުރޫ އެރުމެވެ. މިގޮތުން އާއިލީ ގުޅުމާއި، ލޯބީގެ ގުޅުމާއި، ރަޙްމަތްތެރިކަމުގެ ގުޅުމާއި، ދެމަފިރިންގެ ގުޅުމާއި، އަދި ދޭދޭ ފަރުދުންގެ ގުޅުން ފަދަ އިޖުތިމާޢީ ގުޅުންތަކަށް ސޯޝަލް މީޑިޔާގެ ސަބަބުން ބުރޫ އަރައެވެ.

ޝަރީ 2024

undefined

ސޯޝަލް މީޑިޔާގެ ސަބަބުން އާއިލީ ގުޅުން ހީނަރުވެގެންދެއެވެ. ރިއަންނީ.ސީ.ފައްރުގިއާ އޭނާގެ މާސްޓާރސް އޮފް ސައިންސް ޑިގްރީ އިން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީސް ގެ ތީސީސް ސްޓަޑީ ގައި ފާހަގަ ކޮށްފައިވާ ގޮތުގައި، އިންޓަރނެޓް، ސޯޝަލް މީޑިއާ އަދި މޯބައިލް ފޯނުގެ ސަބަބުން އާއިލީ ގުޅުން ހީނަރުވެގެންދެއެވެ. އެއް ގެއެއްގައި ދިރިއުޅޭ އާއިލީ މެމްބަރުން އެކަކު އަނެކަކަށް ވާހަކަ ދައްކައި ޚިޔާލު ބަދަލުކުރުމުގެ ބަދަލުގައި މެސެޖް ކޮށްގެންނާއި ވައިބަރ ނުވަތަ ޓްވިޓާ ގެ ޒަރީއާއިން މުވާސަލާތް ކުރުން ވަނީ އާންމު ކަމަކަށްވެފައެވެ. އަހަރަމެން ގެންގުޅޭ ހައިޓެކް ޓެކްނޮލޮޖިކަލް ޑިވައިސްތަކެކޭ އެއްފަދައިން، އަހަރަމެން ބޭނުންވަނީ ބުނަން ބޭނުންވާ އެއްޗެއް ވީހާވެސް ކުރުކޮށް، ވީހާވެސް އަވަހަށް މާގިނަ ވާހަކަ ނުދައްކާ ހާމަކުރެވޭތޯއެވެ. އިންޓަރނެޓް، ސޯޝަލް މީޑިއާ އަދި މޯބައިލް ފޯނަށް ގިނަވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން އަނބި ދަރިންނާއި އާއިލާ އެކީ ހޭދަކުރަން ލިބޭ ވަގުތު މަދުވެ، އާއިލާގެ މެމްބަރުންނާއި ކުރެވޭ މުޢާމަލާތް މަދުވުމުގެ ސަބަބުން އާއިލީ ގުޅުން ހީނަރުވެ، ތަފާތު އެކި މައްސަލަތައް ފެންމަތިވެ އާއިލާތައް ރޫޅިގެންދެއެވެ.

undefined

ސޯޝަލް މީޑިޔާގެ ސަބަބުން ލޯބީގެ ގުޅުމަށް ބުރޫ އަރައެވެ. ލޯބިވެރިންގެ ބައްދަލުވުންތަކުގައި، އެކަކު އަނެކަކު ފޯނާ ކުޅުމަކީ ލޯބީގެ ގުޅުންތައް ހީނަރުވެ، ދެލޯބިވެރިންގެ މެދުގައި މައްސަލަތަކެއް ފެންމަތިކުރުވާ ކަމެކެވެ. އަދި މިފަދަ ވަގުތުތަކުގައި އެކަކު ފޯނުކޯލުތަކަށް ޖަވާބުދީ ޓެކްސްޓް ކޮށް އަދި އަބަދު ފޯނާ ކުޅެ ހެދުމަކީ އެ ދެމީހުން އެކަކު އަނެކަކަށްކުރާ އިތުބާރުގެއްލި ލޯބީގެ ގުޅުމަށް ބުރޫ އަރާ ކަން ދިރާސާތަކުން ދައްކާފައިވެއެވެ. މިފަދަ ދިރާސާތަކުން ހާމަވެގެންދާ ގޮތުގައި ދެ ލޯބިވެރިޔަކު އެކުގައި ހޭދަކުރާ ވަގުތުގައި ދެމީހުން ކުރެ ކޮންމެވެސް އެކަކު ފޯނު ބޭނުންކުރާނަމަ އަނެއް މީހާއަށް އެކަމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް އިޙްސާސް ކުރެވޭނެއެވެ. އެހެންކަމުން ލޯބިވެރިން ބައްދަލުވުންތަކުގައި ސޯޝަލް މީޑިޔާގެ ބޭނުން އެއްވެސް ވަރަކަށް ކުރުމަކީ އެހާ އެދެވޭ ކަމެއް ނޫނެވެ. ދެލޯބިވެރިން އެކުގައި ހޭދަކުރާ ވަގުތުތަކުގައި، މިފަދަ ސޯޝަލް މީޑިޔާ ބޭނުންކުރުމުން ލޯބީގެ ގުޅުމަށް ބުރޫ އެރުމުގެ ފުރުޞަތު ބޮޑުކަމަށް ދިރާސާކުރާ ފަރާތްތަށް ހާމަކުރެއެވެ.

ސޯޝަލް މީޑިޔާގެ ސަބަބުން ރަޙްމަތްތެރިކަމުގެ ގުޅުން ހީނަރުވެއެވެ. ރައްޓެއްސަކާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން، ކޮފީއަކަށް ކޮންމެވެސް ރެސްޓޯރަންޓަކަށްގޮސް، ހުޅުވާލެވިފައިވާ ކޮންމެވެސް ޕަބްލިކް ނެޓްވޯރކެއްގައި އިންޓަރނެޓް ބޭނުންކޮށް، ކޮފީއަށް އިންސާފުކުރަމުން ސޯޝަލް މީޑިއާގައި ފްރެންޑް ލިސްޓުގައި ހިމެނޭ އެތައް ސަތޭކަ ރައްޓެހިންގެ ތެރެއިން ބައެއް ރައްޓެހިންނާއި ޗެޓް ކުރާއިރު އެއް މޭޒެއްގައި ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެގެން އިންނަ ރަޙްމަތްތެރިޔާ އާއި އަނގައިން ބުނެލާނެ ފުރުޞަތެއް ނުލިބިދާ މަންޒަރަކީ މިހާރު އާންމުކޮށް ފެންނަ މަންޒަރެކެވެ. ބައެއް ހާލަތްތަކުގައި ދެ ރަޙުމަތްތެރިންވެސް މަޑުމައިތިރި ކަމާއިއެކު އެއްގޮތަކަށްވެސް އަގައިން ނުބުނެ ފޯނާ ކުޅެން ވަގުތުތަކެއް ހޭދަކުރުމަށް ފަހު، ކޮފީ އަށް އިންސާފުކޮށް ރެސްޓޯރަންޓުން ނިކުމެގެން ދަނީއެވެ. ޒަމާނީ ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއި އެކު، ރަހްމަތްތެރިން އެކަކު އަނެކަކަށް ޚިޔާލު ބަދަލުކުރަން ބޭނުންވިކަމުގައި ވިޔަސް، ބައްދަލުވާ ގިނަ ފަހަރަށް ދެއްކެނީ ސޯޝަލް މީޑިއާގައި އެބުރޭ އެންމެ ހިގާ ވާހަކައެއް ނުވަތަ ކޮންމެވެސް ސިޔާސީ މަޢުޟޫއެއްގެ ވާހަކައެވެ. މިހެން ވުމުގެ ސަބަބުން، ދިރިއުޅުމުގެ ހާސްކަން ބޮޑުވެ، ކުރީގެ ހުރިހާ ކަމެއް ހިއްސާކުރާ ރަޙްމަތްތެރިޔާ އަކީ ދުރުމީހަކަށްވެ، ނޭގިހުއްޓާ މަޑުމަޑުން ރަޙްމަތްތެރިޔާ އަކީ ދުރުހިލޭ މީހަކަށް ބަދަލުވެއެވެ.

undefined

ސޯޝަލް މީޑިޔާގެ ސަބަބުން ދެމަފިރިންގެ ގުޅުމަށް ބުރޫ އަރައެވެ. ބްރިޓަނީ ވޯކާ ކޮށްފައިވާ ސާރވޭ އަކުން ދައްކާގޮތުގައި، ދެމަފިރިން އެކުގައި ވަގުތު ހޭދަކުރަން ލިބޭ ވަގުތުތަކުގައި، ދެމީހުންކުރެން އެކަކު މޯބައިލް ފޯން ނުވަތަ ސޯޝަލް މީޑިޔާގެ ބޭނުން ކުރުމަކީ އެކަކު އަނެކަކަށް އޮންނަ ގުޅުން ކުޑަވެ ދެމަފިރިންގެ ގުޅުމަށް ބުރޫ އަރާ ކަމެކެވެ. ސޯޝަލް މީޑިޔާ ބޭނުންކޮށްގެން މީހުންނާއި އިދެގެން އުޅޭ މީހުން ތަފާތު އެތައް ބަޔަކާއި ލޯބީގެ ގުޅުން ބާއްވަމުން ދެއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ދެމަފިރިން އެކަކު އަނެކަކަށް ބޭވަފާތެރިވުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. ދެމަފިރިންގެ ދޭތެރޭ ޖެހޭ މައްސަލަތަކާއި، ދިރި އުޅުމުގައި ދިމާވާ ނުތަނަވަސް ކަންތައްތަކުގެ ވާހަކަ ސޯޝަލް މީޑިޔާގައި ޚާއްސަކޮށް ފޭސްބުކްގައި ސްޓޭޓަސް ގޮތުގައި އަޕްޑޭޓް ކުރުމަކީ ފަހުގެ ފެޝަނަކެވެ. ފޭސްބުކްގައި އަޕްޑޭޓް ކުރެވޭ ސްޓޭޓަސްތަކުގެ ސަބަބުން، ދެމަފިރިންގެ ދޭތެރޭގައި ޖެހޭ މައްސަލަތަކާއި، ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންކަން އާންމުންނަށް އިޝްތިހާރުވެގެން ދެއެވެ. މިފަދަ ސްޓޭޓަސްތަކުގެ ބޭނުންކޮށްގެން މީހުންގެ ޚިޔާލުތަކާއި ފިކުރުތަކާއި ކުޅެ މަގުފުރެއްދުމުގެ ފުރުޞަތު ސޯޝަލް މީޑިޔާގައި ފޮރުވިފައިވާ، ހަޤީގަތް ނޭގޭ ފަރާތްތަކަށް ހުޅުވިގެންދެއެވެ. ނަތީޖާ އަކަށް ވެގެންދަނީ، މިފަދަ މައްސަލަތައް ފެންމަތިވެ، ދެމަފިރިންގެ ގުޅުމަށް ބުރޫ އަރައި، އާއިލާތައް ރޫޅިގެން ދިއުމެވެ.

undefined

ސޯޝަލް މީޑިޔާގެ ސަބަބުން ދޭދޭ ފަރުދުންގެ ގުޅުމަށް ބުރޫ އަރައެވެ. މިފަހަކަށް އައިސް، ދިވެހި ރާއްޖޭގައިވެސް ސިޔާސީ ހަރަކާތް ރާވާ ހިންގާ މައިގަނޑު އެއް ޕްލެޓްފޯމްގެ ގޮތުގައި ސޯޝަލް މީޑިޔާ ބޭނުންކުރެއެވެ. ވައިބަރ އަދި ފޭސްބުކްގައި ތަފާތު ގްރޫޕްތައް އުފައްދައި ސިޔާސީ ޚިޔާލުފާޅުކުރާ ޕޯޑިއަމެއްގެ ގޮތުގައި ސޯޝަލް މީޑިޔާ ފުޅާދާއިރާއެއްގައި ބޭނުންކުރުންވަނީ އާންމުވެފައެވެ. މިގޮތުން މިފަދަ ގްރޫޕްތަކަށް ނިސްބަތްވާ މީހުންނާއި، އިދިކޮޅު މީހުންގެ މެދުގައި ތަފާތު ބަހުގެ ހަމަލާތައް ސޯޝަލް މީޑިޔާގައި ބަދަލުކުރެވިގެންދެއެވެ. ނަތީޖާއަކަށް ވެގެންދަނީ ދޭދޭ ފަރުދުންގެ ދެމެދުގައި ހަމަނުޖެހުން އުފެދި އެތަކެއް ސިޔާސީ ފަރާތެއްގެ އިއްޒަތާއި އަބުރު ސޯޝަލް މީޑިޔާގައި ކަތިލެވި، ވަކިވަކި ފަރުދުންގެ މެދުގައި ފިތުނަ އުފެދި މުޅިގައުމުގެ އިޖްތިމާޢީ ފޭރާން ވީދިގެން ދިޔުމެވެ. މިފަދަ ކަންތައްތައް މިހެން ހުރުމާއިއެކު ދެންނެވޭނީ ސޯޝަލް މީޑިޔާގެ ސަބަބުން ދޭދޭފަރުދުންގެ ގުޅުމާއި ގައުމުގެ އަމަން އަމާންކަމަށް ބުރޫއަރައެވެ.

ސޯޝަލް މީޑިޔާއަކީ އަހަރަމެންގެ ދިރިއުޅުމުގައި އެއާއި ނުލައި ނުއުޅެވޭ، ދިރިއުޅުމަށް ލުއިފަސޭހަ އެތަށް ގޮތްތަކެއް ހޯދާ ދީފައިވާ އެއްޗެކެވެ. ސޯޝަލް މީޑިޔާގެ މި ލުއިފަސޭހަކަމާއި އެކު، ނޭގި ތިއްބާ އަހަރަމެންގެ އިޖްތިމާޢީ ގުޅުންތަކަށް ތަފާތު ހީނަރުކަން ކުރިމަތިވެގެންދެއެވެ. ސޯޝަލް މީޑިޔާއަކީ އެޔާއި ނުލައި އިންސާނުންނަށް ދިރިއުޅެން އުދަނގޫ އެއްޗެކެވެ. ސޯޝަލް މީޑިޔާގެ ބޭނުންކުރުމަށް އަހަރަމެން އިސްކަން ދޭ ބީދައިން، އިޖުތިމާޢީ ގުޅުންތަކަށް ސަމާލުކަންދީ، އެގުޅުންތަކަށް ބުރޫ ނާރާނެ ގޮތަކަށް އަހަރަމެންގެ އަމަލުތައް ބެހެއްޓުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ