އިޓަލީގެ ހާލަތު އަނެއްކާވެސް ގޯހުން ގޯހަށް

އިޓަލީވިލާތުގައި ކޮވިޑް-19 ފެތުރުން އަނެއްކާވެސް ކޮންޓްރޯލުން ނައްޓާލައިފި ކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އިޓަލީވިލާތުގެ ސިއްހަތާއި ބެހޭ ތަޖުރިބާކާރުން މިހާރު ގެންދަނީ އެގައުމު ފުރަބަންދުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ވެސް ގޮވާލާފައެވެ.

މިލާންގައި ހުންނަ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ ސަކާއޯ ހޮސްޕިޓަލްގެ ހެޑް އޮފް އިންފެކްޝަން ޑިޕާޓްމަންޓްގެ ވެރިޔާ މަސީމޯ ގާލީ ވެސް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެތައް ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މިހާރު "ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންގެ އަތުން ކޮންޓްރޯލް ނައްޓާލައިފި" ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 އަށް އިޓަލީވިލާތުގައި ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާއި އެކު އެހެން ބަލިތައް ޖެހޭ މީހުންނަށް ފަރުވާ ނުދެވި އެބަތިބި ކަމަށެވެ. "އެހެން ބަލިތައް ޖެހޭ މީހުންނަށް އެކަށީގެންވާ އަވަސް ފަރުވާއެއް ފޯރުކޮށް ނުދެވޭތީ ކުރިއަށް އޮތް ދިގު މުސްތަގުބަލުގައި އެކަމުގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވޭ." ގާލީ ވިދާޅުވިއެވެ.

އިޓަލީވިލާތުން މިއަދު ވެސް 25000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، 300 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ފެބްރުއަރީ މަހާއި މާޗް މަހު އިޓަލީވިލާތުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެތައް ބަޔަކަށް ފަރުވާ ނުދެވި މަރުވާން ވެސް ދޫކޮށްލަން ޖެހުނެވެ. މިހާރު އެގައުމުގެ ހާލަތު ގޯސްވަމުންދާ ނިސްބަތައް ބަލާއިރު އަނެއްކާވެސް އެހާލަތު ތަކުރާރު ވެދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިހާރު ވެސް އިޓަލީވިލާތުގެ ބައެއް ހޮސްޕިޓަލްތަކުގައި އެނދުތައް ފުރި ހޮސްޕިޓަލްތެރޭގެ އެހެން ތަންތަނުގައި ބަލި މީހުން ބައިތިއްބާފައި އެބަތިބި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހުކުރު ދުވަހު ވަނީ އިޓަލީވިލާތުގެ ސަރަހައްދުތައް ތިން ގެޓަގަރީއަކަށް ބަހާލައިގެން ފުރަބަންދުގެ ބައެއް ފިޔަވަޅުތައް އަޅަން ފަށާފައެވެ. މިފިޔަވަޅުތަކުގެ ދަށުން ސިނަމާތަކާއި ޖިމްތަކާއި މިއުޒިއަމްތައް ވަނީ ބަންދު ކޮށްފައެވެ. ނަމަވެސް އަދިވެސް ސްކޫލްތަކުގައި ކިޔެވުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް