އަމިއްލަ ގައުމުގައި ހުރެގެން ޕައިލެޓުކަން ކިޔަވަންބޭނުންވާ އެތަކެއް ދިވެހި ދަރިވަރުންގެ ފޮނި އުންމީދުތަށް ހަގީގަތަކަށް ހަދައިދިން އެއްތަންކަމުގައި ހަމަޔަގީނުންވެސް ވާނީ ރާއްޖޭގެ ދެކުނުން ސ.ގަމުގައި ގާއިމްކޮށްފައިވާ އައްޑޫ ފްލައިންގް ސްކޫލް ނުވަތަ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސްއެވެ. މި ފްލައިންގް ސްކޫލް ރާއްޖޭގައި ގާއިމްވިތާ ގާތްގަޑަކަށް 10 އަހަރުވީ އިރު، މިތަނުން ކިޔަވައިގެން ޕައިލެޓްކަން ކުރަން އެތަކެއް ދަރިވަރަކު ނުކުމެއްޖެއެވެ. އެތަނަކީ ދިވެހީންނަށް ލިބުނު ބޮޑު ފަޙްރަކަށްވީއިރު، އެތަނުގެ ފަރާތުން އެތަނުން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް އެތަކެއް އުނދަގޫތަކެއް ފޯރަމުންދާކަމުގެ އެތަކެއް ވާހަކަތަކައްވެސް ވަނީ ފެންމަތިވެފައެވެ.
އައްޑޫ ފްލައިންގް ސްކޫލްގެ ފަރާތުން ދަރިވަރުންނަށް ލިބޭ މައިގަނޑު ގެއްލުންތަކަށް ކުރުކޮށް ބަލާއިރު، ކިޔަވަން ފެށުމުގެ ފަހުން ފީތަަކަށް ބަދަލުގެނައުމާއި، ކިޔަވަމުން ދާއިރު ކުއްލިއަކަށް ޓެސްޓުތަކުގެ އޮނިގަނޑުތަކަށް ގެންނަމުންދާ ބަދަލުތަކާއި، އެތަނުގައި އެކަށީގެންވާ ވަސީލަތްތަށް ނެތުމުގެ ސަބަބުން ކިޔަވައިނިމެން ދިގުލައިގެން ދިޔުމާއި މިފަދަ އެތަކެއް ޝަކުވާތަށް އެތަނުން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ފަރާތުން ލިބިގެންދެއެވެ.
ހަމަމިއާއެކު، މިދިޔަ ދުވަސްކޮޅުތެރޭގައި އެންމެ ބޮޑަށް ފެންމަތިވި އަނެއް މައްސަލައަކީ އެތަނުން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންތަކެއް ވަކިކުރުމުގެ މައްސަލައެވެ. އެންމެ ފަހުން އެތަނުން ވަކި ކުރިކަމަށްވަނީ 2016 ވަނއަހަރު އަމިއްލަގޮތުން އެތަނުން ތައުލީމް ހާސިލްކުރަން ގުޅިފައިވާ ދަރިވަރެކެވެ. މިދަރިވަރުންތަށް މިތަނުން ވަކިކުރަމުންގެންދަނީ "ގަބޫލުކުރެވޭ މިންވަރަކަށް ކޯސް ކުރިއަށް ގޮސްފައި ނުވާތީ"ކަމަށް އެތަނުން ބުނާކަމަށް ވާއިރު، ވަކި އަހަރެއްގެ ތެރޭގައި ވަކި މިންވަރަކަށް އެދަރިވަރެއްގެ ޕްރޮގްރެސް ހުންނަން ޖެހޭކަމަށް ބަޔާން ކޮށްއެފަދަ އެއްވެސް ލިޔުމެއް އަދި ގަވާއިދެއްވެސް ނޯންނަ ކަމަށް އެތަނުން ތައުލީމް ހާސިލްކުރަމުންގެންދިޔަ އެތަކެއް ދަރިވަރަކުވަނީ މައުލޫމާތުދީ ޝަކުވާކޮށްފައެވެ.
މިއާއެކު ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މައި ވުޒާރާކަމުގައިވާ ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ މިމައްސަލަތަށް ހައްލުނުކޮށްފިނަމަ އެތަނާއިމެދު ފިޔވަޅުއަޅާނެކަމުގެ އިންޒާރުތަށްވެސް ދީފައެވެ. ނަމަވެސް ފްލައިންގް ސްކޫލްގެ ފަރާތުން އެއްވެސް ކަހަލަ ބަދަލެއްފެނިގެންނެއް ނުދިޔައެވެ. އަދި މިޔާއެކު ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން އެތަނަށް އިތުރަށް ކުދިން ކިޔަވަން ނެގުމަށް ހުއްޓުމަށް އަންގާފައިވާއިރު، މީގެ 5 ވަރަކަށް ދުވަސް ކުރިން އެތަނުންވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އެ އެންގުމަށް ކޮޅުފައިންޖަހާ، މިއަންނަ އަހަރުގެ ޖެނުއަރި،ފެބްރުއަރީ އިންޓޭކްއަށް ކުދިން ނެގުމަށް އިއުލާންވެސް ކޮށްފައެވެ.
އަދި ހަމައެހެންމެ އައްޑޫ ފްލައިންގް ސްކޫލްއިން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ އަތުން ޑޮލަރުން ފީނަގާކަމުގެ އެތަކެއް ޝަކުވާތަކާއި އެކު އެމައްސަލަ ބެލުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑްވިސް މަނިޓަރީ އޮތޯރިޓީއަށްވެސް އެންމެ ފަހުން ވަނީ ހުށަހަޅާފައެވެ.
މިފަދަ އެތަކެއް މައްސަަލަތަކެއް ފެންމަތިވެގެންދާއިރު 2020 ފެށުނުފަހުން މިތަނުގެ ފަރާތުން އެތަކެއް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެތަނުން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް އަޅަމުންދާތަން ފެނިގެންދާކަމީ ވަރަށް ދެރަކަމެކެވެ. އެތަނުގެ އުސޫލުތަކުގެ ދޯދިޔާކަމުގެ ޝަކުވާތަކާއި މިފަދަ އެތަކެއް ކަންތައްތަކެއް ފެނިގެންދާއިރު، ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ ފަރާތުން މާއެދެވޭ ފިޔަވަޅުތަކެއްވެސް މިތަނަށް އެޅިގެންދާތަނެއްވެސް ނުފެނެއެވެ.