logoEN
ޕީއެންސީ 2
ބަލި މީހުންގެ ސިއްރުތައް ހާމަކުރުމަކީ ޤާނޫނީ ކުށެއް!

ބަލި މީހުންގެ ސިއްރުތައް ހާމަކުރުމަކީ ޤާނޫނީ ކުށެއް!

# ރިޕޯޓް

ރާއްޖޭގެ ސިއްޙީ ނިޒާމުގައި ޑޮކްޓަރުންގެ ބޮޑު އިންސައްތައަކީ ބިދޭސީ ޑޮކްޓަރުންނެވެ. ވަކިން ޚާއްސަކޮށް އަތޮޅު ތެރޭ ހޮސްޕިޓަލް ތަކާއި ސިއްޙީ މަރުކަޒުތަކުގައި ގިނައީ ބިދޭސީ ޑޮކޮޓަރުންނެވެ. އާންމު ބަލިތަކުން ފެށިގެން ޙާއްސަ ބަލިތަކަށް މި ޑޮކްޓަރުން ތިބޭއިރު މީގެ ކޮންމެ ޑޮކަޓަރެއްގެ އެހީތެރިއެއްގެ ގޮތުގައި ތަރުޖަމާނަކު ހުރެއެވެ. ޑޮކްޓަރުން ދައްކާ ވާހަކަ ބަލިމީހާ އަށް ފަހުމް ކޮށްދިނުމަށް އެންމެ ބޮޑު އެހީ އަކަށް ވާނީ މިބުނާ ތަރުޖަމާނެވެ. ހަމަ އެހެންމެ ބަލިމީހާގެ ހާލު ޑޮކްޓަރަށް ކިޔާދެނީވެސް ހަމަ މި ތަރުޖަމާނެވެ.

ޝަރީ 2024

އިނގިރޭސިން ވާހަކަ ދައްކަން ކިތަންމެ ފަސޭހަ ކުއްޖާއަށް ވެސް ޑޮކްޓަރަށް ހާލު އޮޅުންފިލުވަދޭން މި އޮންނަނީ ދަތި ކަމަކަށް ވެފައެވެ. ޑޮކްޓަރާ ހިއްސާ ކުރާ ބަލިމީހާގެ ހުރިހައި ސިއްރުތަކެއް މި ހުންނަނީ ތަރުޖަމާނާ ހިއްސާ ކުރެވިފައެވެ. ގިނަފަހަރަށް އެ ސިއްރުތަކަކީ ބަލިމީހުން އެމީހުންގެ އާއިލާ ތަކަށް ވެސް ހިއްސާ ނުކުރާ ކަންކަމެވެ. ނަމަވެސް މި ސިއްރުތަށް މި އޮންނަނީ އެންމެންނަށް އެނގޭ ބޮޑު ސިއްރުތަކަކަށް ވެފައެވެ. ތަރުޖަމާނު ޝިފްޓް ނިންމާފައި އޮފީސް އެންމެނާ އެކު އަރާ ކޮފީ ގަޑި މި އޮންނަނީ ދުވަހުގެ ހިނގި ކަންތަކުގެ ރިޕޯޓް އިއްވާ ގަޑިއަށް ވެފައެވެ. ނުވިތާކަށް ސިއްރުތަކުގެ ތެރެއިން މި ލިބޭ ބްރޭކިންގް ތައް ޝިފްޓް ނިމެންދެން "ފަޅާނުލާ" ބެހެއްޓޭ ވަރަށް ވުރެ ކެތްތެރިކަން ހުންނަނީ ކޮޅުން ލާފައެވެ.

އަދި އެހެން ވާހަކަ އެކެވެ. ބައެއް ތަރުޖަމާނުން ޑޮކްޓަރަށް ވުރެ މޮޅެވެ. ބަލިމީހާއަށް ވާނުވާ ހުރިހާ ކަމެއް އެނގިފައި މި އޮންނަނީ އޭނައަށެވެ. ކިތަންމެ ވަރަކަށް ތަރުޖަމާނަށް ވެގެން އުޅޭ ގޮތް ކިޔައިދިނަސް އޭނާ ޑޮކްޓަރަށް ކިޔައިދޭއިރު ވާހަކަ މި އޮންނަނީ މުޅިން އެހެން ގޮތަކަށެވެ. ނަތީޖާއެއްގެ ގޮތުން ދެންފަހަރަކު ޑޮކްޓަރަށް ދައްކާ ހިތްވެސް މި އޮންނަނީ ނުވެފައެވެ. އެކަމަކު "ނޯޗޮއިސް" ވީމަ ނުގޮސް ނުވާނެތާއެވެ. މުވައްޒަފުންގެ ތެރޭ ސިއްރު ބޭޒާރު ކުރުމުން ރަނގަޅަށް ނުވެސް ދަންނަ ބައެއްގެ ތެރޭގައި ބަލިމީހާ މި އޮންނަނީ ލަދެއްގައި ބެދިފައެވެ.

މި ދައްކަނީ ހުރިހައި ތަރުޖަމާނުންގެ ވާހަކައެއް ނޫނެވެ. ބަލިމީހަކު ފެނުމުން ހިނިތުންވުމާއެކު ބަލިމީހާއަށް ސަލާންގޮވާލައި އިތުރަށް ވެގެން އުޅޭގޮތް އަހާ ތަރުޖަމާނުން ވެސް މި ރާއްޖޭގައިވެސް މަދެއް ނޫނެވެ. ބަލިމީހާއަށް ވެގެން އުޅޭގޮތް ހިއްސާކުރުމަށްފަހު އިތުރަށް ކުރެވިދާނޭ ކަންކަން ކިޔައިދޭ މީހުންވެސް މަދެއްނޫނެވެ. ބަލިމީހުންނަށް ކަށަވަރުކުރެވިފައިވާ ސިއްރު ހިފެހެއްޓުމުގައި ވެސް ބައެއް ތަރުޖަމާނުންނަކީ ލާމަސީލު ބައެކެވެ. މިފަދަ ތަރުޖަމާނަކު ދެން ޑޮކްޓަރަށް ދައްކަން އަންނަ ފަހަރަކު އިންނާނެ ނަމައޭ ހިތައިގެން ދާ ބަލި މީހުންވެސް އެހާމެ ގިނައެވެ.

ބަލި މީހާގެ ސިއްރުތައް އެކި ގޮތް ގޮތުން ސިއްޙީ ޚިދުމަތްދޭ އިދާރާ ނުވަތަ ތަންތަނުން ލީކްވެ އާންމުންނަށް އެނގޭކަމީ މިއަދު އެންމެންވެސް ދަންނަ ކަމެކެވެ. މިކަންކަމަކީ ޤާނޫނީ ގޮތުންވެސް ކުށެކެވެ. ބަލި މީހާގެ ސިއްރުތައް ހިފެހެއްޓުމަށް ދިވެހިރާއްޖޭގެ ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ 40 ވަނަ މާއްދާއިން ލާޒިމް ކުރެއެވެ. އެ މާއްދާގެ ދަށުން ބަލިމީހާގެ ސިއްރުތައް ހާމަކުރުމަކީ ޤާނޫނީ ކުށެކެވެ.

އެ މާއްދާގެ (ށ)ގެ 5 ވަނަ ޕޮއިންޓުގައި ބުނެފައިވަނީ "ބަލި މީހަކާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ ރެކޯޑެއް މި އަކުރުގައިވާ ފަރާތަކަށް ނުވަތަ އެހެން ފަރާތަކަށް ވިޔަސް ޙިއްސާ ކުރަންވާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން" ކަމަށެވެ.

ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ބަލިމީހާގެ މައުލޫމާތު ހިއްސާ ކުރަން ޖެހެނީ ޚާއްސަ ހާލަތްތައް މެދުވެރިވެގެންނެވެ. އެގޮތުން ބަލި މީހާ އެދިގެންނާއި، ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ޤާނޫނީ ގޮތުން މައުލުމާތު ލިބިދޭން ޖެހޭ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަލިމީހާއާ ބެހޭ މައުލޫމާތު ހިއްސާ ކުރުން ވަނީ ހަމަ އެ މާއްދާގެ (ނ) އިން ކުށެއް ކަމަށް ކަނޑައަޅާފައެވެ.

ސިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ 40 ވަނަ މާއްދާ (ސިއްރު ހިފެހެއްޓުން):

(ހ): ސިއްހީ ޚިދުމަތް ލިބިގަންނަ ފަރާތުގެ ސިއްހީ ހާލަތާއި އޭނާއަށް ދީފައިވާ ނުވަތަ ދެވޭނެ ފަރުވާއާއި، އެނޫންވެސް އޭނާގެ ސިއްހީ ހާލަތާއި އޭނާ ލިބިގަތް ޚިދުމަތާ ގުޅުން ހުރި އެންމެހައި މައުލޫމާތަކީ ސިއްރު އަދި އިމްތިޔާޒު ލިބިފައިވާ މައުލޫމާތެވެ.

(ށ): އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި ފިޔަވައި އެހެން އެއްވެސް ޙާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަ ފަދަ މައުލޫމާތެއް އެއްވެސް ކަމާ ނުބެހޭ ފަރާތަކަށް ހާމަކޮށްގެން ނުވާނެ އެވެ.

ޚިދުމަތް ލިބިގަންނަ ފަރާތުން ލިޔުމުން ހުއްދަ ދިނުމުން،

ކޯޓު އަމުރަކުން އެންގުމުން،

ޤާނޫނަކުން ލިބިދޭންޖެހޭކަމަށް ބަޔާންކޮށްފައިވާ މައުލޫމާތެއް، އެ ޤާނޫނަކުން ފޮރުކޮށްދިނުމަށް ލާޒިމްކުރާ ފަރާތަކަށް ފޯރުކޮށްދިނުމުގެ ގޮތުން،

މި ޤާނޫނުން ބާރުދީފައިވާ މީހެއްގެ ޒިންމާ އަދާ ކުރުމަށް، ސިއްޙީ ޚިދުމަތްދޭ ތަނެއްގައިވާ އެއްވެސް ބަލިމީހަކާ ބެހޭ މައުލޫމާތެއް ނުވަތަ އޭނާއާ ގުޅޭ ގޮތުން ބަހައްޓާފައިވާ ރެކޯޑުތަކުގެ ތެރެއިން އެއްވެސް ރެކޯޑެއް ބަލަން ބޭނުންވެގެން އެފަރާތުން ލިޔުމުން އެ މައުލޫމާތު ހޯދަން އެދުމުން،

ބަލި މީހަކާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ ރެކޯޑެއް މި އަކުރުގައިވާ ފަރާތަކަށް ނުވަތަ އެހެން ފަރާތަކަށް ވިޔަސް ޙިއްސާ ކުރަންވާނީ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

(ނ): މި މާއްދާގެ (ށ) އާ ޚިލާފަށް އަމަލު ކުރުމަކީ ކުށެކެވެ.

އެފަދަ ކުށެއް ކޮށްފި މީހަކަށް އެޤާނޫނުގެ 40 ވަނަ މާއްދާގެ (ރ)ގެ ދަށުން ލިބޭ އަދަބަކީ، ފުރަތަމަ ފަހަރު ނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ ޖޫރިމަނާކުރުމުގެ އިތުރުން 1 އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

މިފަދަ ބޮޑު އަދަބެއް ކަނޑައަޅާފައިވާ މި ކުށް ތަކުރާރުކޮށް އެކި ގޮތްގޮތުން އާންމުވެފައިވާއިރު ޤާނޫނީ ގޮތުން މިއީ ބޮޑު ޙުކުމެއް އަންނަ ޤާނޫނީ ކުށެކެވެ. ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނާއި އިސްވެރިން މިކަމަށް ބޮޑު ސަމާލުކަމެއް ދީގެން ބަލި މީހުންގެ ސިއްރުތައް ވީ އެންމެ ބޮޑަކަށް ރައްކާތެރިކުރުން މުހިއްމެވެ. ގާނޫނީ ގޮތުން ލިބިދީފައިވާ މި ޙައްޤު، ޚިދުމަތް ލިބިގަންނަން އަންނަ ކޮންމެ މީހަކަށް ލިބިގެންވާކަން ހަނދާނުން ފޮހެ ނުލާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ