
2017-03-01-07-13-49
ދޮގު ހެދުމަކީ ނުވަތަ ހަގީގަތް އޮޅުވާލާ ވާހަކަ ދެއްކުމަކީ އަޅުގަނޑުމެންގެ މި ކުޑަ މުޖްތަމަޢުގެ ތެރޭގައިވެސް ވަރަށް ގިނަ މީހުން ކޮށްއުޅޭ ކަމެކެވެ. ދޮގެއް ހެދުމުގެ ސަބަބުން އަނެކާގެ ދިރިއުޅުން ބޮޑެތި އަނދަވަޅުތަކަށް ވެއްޓޭ ފަހަރުވެސް އަންނަނީ މަދުންނެއް ނޫނެވެ. ދޮގު ހެދުމަކީ ފާފަވެރިވާ ކަމެއްކަމުގައި ވިޔަސް ވެސް މިރާއްޖޭގައި ކޮފީ މޭޒުތަކުން ފެށިގެން އައިސް ކެމެރާ ކުރިމަތީގައި އާއި ބޮޑެތި ޕޯޑިއަމް ތަކުގައިވެސް ދޮގު ހެދުން މިވަނީ އާންމު ކަމަކަށް ވެފައެވެ.

މީހަކު ދޮގެއް ހަދައިގެން އަމިއްލަ ދިރިއުޅުން ހަލާކުވެގެން ދާއިރުވެސް ގިނަ ފަހަރަށް އެމީހާ ހެދީ ދޮގެއް ކަމެއް ނޭނގެ އެވެ. މިހާރު ދުނިޔޭގައި ދޮގެއް ހަދާނަމަ އެ ދޮގު ފަޅާ އަރުވާލާނެ ވަސީލަތްތައް ހުރެއެވެ. ނަމަވެސް މި މެޝިންތަކަކީ އާންމު ކޮށް ދިވެހި ރާއްޖޭގައި ގެންގުޅޭ އެއްޗެއް ނޫންކަމުން ދޮގު ހަދާ މީހާގެ މަގްސަދު ހާސިލުވާން ވަރަށް ފަސޭހައެވެ. އެހެން ނަމަވެސް. މީހަކު ދޮގެއް ހަދާއިރު ބޭއިޚްތިޔާރުގައި އެމީހެއްގެ ހަށިގަނޑަށް ގޮތްތަކެއްވާނެއެވެ.
ގްލާސްގެ ސައިކޮލަޖިސްޓަކު ކުރި ދިރާސާއެއްގައި ދޮގުހަދާ މީހެއްގެ ފަރާތުން ފެންނާނެ ބައެއް ކަންތައް މިވަނީ ކިޔައިދީފައިއެވެ. އެގޮތުން ތިރީގައި މިވަނީ އާންމުކޮށް ދޮގުހަދާ ނުވަތަ ހަގީގަތް އޮޅުވާލަން އުޅޭ މީހެއްގެ ފަރާތުން ފެންނާނެވެ ބައެއް ކަންތައްތަކެވެ.
1 ދޮގު ހަދާ ވަގުތު ބޮލަށް ބޭކާރު ހަރަކާތް ގެނެވޭނެ.
ވާހަކަ ދައްކަމުންދާއިރު މީހަކު ދޮގެއް ހަދާނަމަ އޭނާގެ ބޮލަށް ބަދަލެއް އަންނާނެވެ. ދޮގު ހަދާވަގުތުގައި އާންމު ކޮށް އިސް ޖެހުން ނުވަތަ ބޯ އަރިއަކަށް އަނބުރާލުމާއި ބޯ ހޫރުވުން ހިމެނެއެވެ. އެހެން ކަމުން އަނެކާ ވާހަކަ ދައްކަން އިންނައިރު އެއްވެސް ސަބަބެއް ނެތި ބޯލަށް ހަރަކާތެއް ގެނެސްފިއްޔާ އޭނާ ދޮގެއް ހަދާ ކަން ނުވަތަ ހަގީގަތް އޮޅުވާލަނީ ކަން ގަބޫލުކޮށް އެކަމަށް ފަރުވާ ބަހައްޓާށެވެ.
2 މާބޮޑަށް ތަފްސީލު ކޮށްދޭން އުޅުން
މީހަކު ދޮގެއް ހަދާ ވަގުތުގައި އެނާ އެހަދަނީ ތެދެއްކަން އަނެކާއަށް ގަބޫލުކުރެވޭތޯ އޭނާ މަސައްކަތް ކުރާނެވެ. އެހެންކަމުން އެމީހަކު ބޭނުންވާނީ ވަރަށް ތަފްސީލު ކޮށް އެ ވާހަކަ ދައްކާށެވެ. އެންމެ ޖުމްލަޔަކުން ޖަވާބެއް ދެވެން އޮންނަ ކަމަކަށް ބޮޑު ވާހަކައެއް މިސާލު ޖަހައިގެން ވެސް ކިޔައިދެން މަސައްކަތް ކުރާނެއެވެ. އެ ވަގުތު ބައެއްފަހަރު އޭނާ އަށް ބުނެވޭ ބަސް ތަކުރާރުކޮށް ވެސް ބުނެވޭނެއެވެ. އެހެންކަމުން މީހެއްގެ ވާހަކަ މާ ތަފްސީލުކޮށް ކިޔައިދޭނަމަ އެކަމެއްގައި ކޮންމެވެސް ވަރެއްގެ ހަގީގަތާއި ޚިލާފު ވާހަކައެވެ އޮންނާނެވެ.
3 މޫނުގަ އަތްލުން.
ދޮގު ހަދާއިރު އެ ދޮގު ކާމިޔާބު ކުރުމަށް ދޮގު ހަދާ މީހާ މަސައްކަތް ކުރާނެއެވެ. އެގޮތުން ކުއްލިއަކަށް ދޮގެއް ހަދާނަމަ ހާސްވުމުގެ ސަބަބުން މޫނުގައި އަތްލެވޭނެވެ. އަނގަމަތީގައި އަތް އެޅުމާއި، ލޯ ކެހުމުގެ އިތުރުން ކަންފަތް ކައިރީގައި އަތް ހޭކުމަކީ އާންމުކޮށް ދޮގު ހަދާއިރު ބޭއިޚްތިޔާރުގައި ކުރެވޭ ކަމެކެވެ.
4 ހަތަރުކަޅި ހަމަ ކުރަން އުނދަގޫވޫން.
ހަތަރުކަޅި ހަމަކޮށްގެން ދެމީހަކު ވާހަކަ ދައްކަން ތިބޭވަގުތަކު އެކަކު ދޮގެއް ހަދާނަމަ އޭނާ އަށް އަނެކާގެ މޫނަށް ނުވަތަ ލޮލަށް ނުބެލޭނެއެވެ. ދޮގު ހަދާ ވަގުތު ކޮންމެވެސް އެހެން ދިމާލަކަށް ބެލޭނެއެވެ. ގިނަ ފަހަރަށް ދޮގު ހަދާ މީހާއަށްވެސް މިހެން މިކަން ވާކަމެއް ނޭނގޭނެއެވެ. ހަތަރުކަޅި ހަމަ ނުކޮށް ވާހަކަ ދައްކާއިރުގައި އެވާހަކާގައި އެއްވެސް ވަރެއްގެ ހަގީގަތެއް ހުންނާނެ ކަމަށް ގަބޫލު ނުކުރާށެވެ.
5 ރުޅި ގަދަވުން.
ދޮގުހަދާ މީހާގެ ދޮގު ނާކާމިޔާބު ވާހެން އޭނާއަށް ހިވާނަމަ އޭނާގެ ރުޅި ގަދަވާން ފަށައެވެ. އެއީ ދޮގު ފަޅާ ނޭރިއަސް އޭނާ ހެދި ދޮގާއި ގުޅުވައިގެން އަނެކާ ސުވާލެއް ކޮށްލުމުންނެވެ. އޭނާގެ ސިކުނޑި އެ ސުވާލުތަކަށް ތައްޔާރެއް ނުވާނެއެވެ. ބައެއްފަހަރު އޭނާ ރުޅި އަޔަސް އެ ރުޅި ނުދައްކައި ހުރެފާނެއެވެ. އެފަދަ ހާލަތެއްގައި އޭނާ އިތުރަކަށް މާގިނަ ވާހަކައެއް ނުދައްކާނެއެވެ. އެހެން ގޮތަކަށް ބުނަނީނަމަ އޭނާގެ "މޫޑް އޮފް" ވާނެއެވެ. އަދި އެ ހުރި ތަނަކުން އަވަހަށް ދެވޭނެ ގޮތެއް ހޯދަން ފަށާނެއެވެ.